English Edition
Dhivehi Edition

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ފައިސާ ތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނެފި އެވެ.

ދެންމެ ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ފައިސާ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ. އެގޮތުން 3 ފަހަރެއްގެ މަތިން ކަސްޓަމްސް އިން ވަނީ މިގޮތަށް ފައިސާ އަތުލައިގަނެފައެވެ.

ކަސްޓަމްސް އަތުލައިގަނެވުނު ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ އަތުލާގަނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެގޮތުން އެ ދުވަހު 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 2،154،145.51 ރުފިޔާ އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ދެންމެ އެންމެ ގިނައިން ފައިސާ އަތުލައިގަނެފައި ވަނީ ހަމަ އެ ދުވަހު 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ. އޭނާގެ އަތުން 617،139.00 ރުފިޔާ ވަނީ އަތުލައިގަނެފައެވެ. އޭގެ ފަހުން މި އަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން 1،383،174 ރުފިޔާ އަތުލައި ގަނެފައެވެ.

ޤާނޫނު ނަމްބަރު 10/2014 (މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާކުރުމުގެ ޤާނޫނު) ބުނާ ގޮތުން 20000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ކަސްޓަމްސް އިން ކްލިއާ ކުރަން ޖެހެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤުކުރުމަށްޓަކައި ފުލުހަށް މި މައްސަލަ ހުށައެޅިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.