English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ އިން ވާދަކުރާ ކެންޑިޑޭޓަށް ލިބޭނެ ވޯޓުގެ އަދަދާއި އިދިކޮޅު ކެންޑިޑޭޓަށް ލިބޭނެ ވޯޓުގެ އަދަދު އެމްޑީޕީ އަށް އެނގުމުން އިންތިހާބާ މެދުގައި ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އެމްޑީޕީން ދަރުބާރުގޭގައި ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހޮވާނީ 12،0000 ވޯޓާ އެކުގައިކަމަށާއި އޭނާއާއި އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓަކަށް 1500 ވޯޓުވެސް ލިބިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޓުވިޓެއްގައި ވަނީ ވޯޓު ނުލަނީސް އިންތިހާބުގެ ނަތީޖާ އެނގޭގޮތް ހެދީތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. ” ހާދަ ނުކަސިޔާރު ކަންކަމޭ މި ފެންނަނީ؟ މިގޮތަށް ކަންކަން ވާތީ އީސީ އަށް ރައްޔިތުން އިތުބާރު ނުކުރަނީ” ޝުޖާއު ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅާފައިވާއިރު އިދިކޮޅު ކޯލިޝަނުން ކުރީގެ ހޯމް މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒް ވާދަކުރައްވާނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެންނަމެވެސް މިއަދާއި ހަމައަށްވެސް އަދި މޭޔަރުކަމަށް ވާދަކުރައްވާ ވާހަކަ ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.