English Edition
Dhivehi Edition

“ރާއްޖޭގެ ކްލައިމެޓް އިމާރޖެންސީ އިއުލާން ކުރުމުގެ ޤަރާރު” ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަށްވައިފި އެވެ.

މި ޤަރާރަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނިފުރުސަތު ދުވަހެއް ދުވަހަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅި ޤަރާރެކެވެ.

މި ޤަރާރަކީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ގޯސްވަމުން ދާނަމަވެސް، ދުނިޔޭގެ މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ގޭސްތައް އެންމެ ގިނައިން ބޭރުކުރާ ޤައުމުތަކުން އެފަދަ ގޭސްތައް މަދުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލާއި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ހާމަކޮށް މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ޤަރާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ޤަރާރުގައި ކަނޑުގެ ލޮނުގަނޑު އުފުލިގެން ދިއުމާއި އަދި ދުނިޔޭގެ ފިނިހޫނުމިން އުފުލެމުން ދިއުމާއި ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ނުރައްކާ ފާހަގަ ކޮށްފައި ވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވެފައިވާ މައްސަލަ ތަކަކީ ރާއްޖެއަށް ދިމާވެފައިވާ އެމަރޖެންސީ މައްސަލައެއް ކަމަށް ވުމާއި އެކު، ފޮސިލް ފިއުލް އުފެއްދުމަށް ކުރާ އިންވެސްޓްމެންޓް ތަކާއި ސަބްސިޓީތައް ހުއްޓާލައި، އެ ފައިސާއިން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހޭދަކުރުމަށާއި، އަދި ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭސްތައް، ކަނޑައެޅިފައިވާ މިންގަނޑުތަކެއްގެ ތެރެއިން މަދުކުރުމަށް މި ޤަރާރުގައި ގޮވާލާފައި ވެއެވެ.