English Edition
Dhivehi Edition

ހުރިހާ ކުދީންނަކީ ވެސް، ކިޔުންތެރިކަމަށް ލޯބިކުރާ އަދި ލިޔުންތެރީންނާއި އަދީބުންގެ ލިޔުންތަކުން ދޭހަކޮށްދޭން ބޭނުންވާ މާނައާއިމެދު ފުންކޮށް ވިސްނާ ފިކުރުކުރާ ކުދިބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ހުރިހާ ކުދީންނަކީވެސް ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް މުދައްރިސުންނާއި ބެލެނިވެރީންގެ ކިބައިން އެދިވަޑައިގެން ފައެވެ. އަދި ކިޔުންތެރިކަމަށް ލޯބިޖައްސާ، އެކަން އަށަގެންނެވުމުގެ މުހިއްމުކަމާއި އެކަމުގައިވާ އުފާވެރިކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ފަސްޓް ލޭޑީ މިގޮތަށް ގޮވާލަފައި ވަނީ އޭޝިއާ ފައުންޑޭޝަންގެ “ލެޓްސް ރީޑް” ޕްރޮގްރާމްގެ ދަށުން ހިންގާ ތަރުޖަމާކުރުމާއިބެހޭ މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މުޞައްނިފުންނާއި ލިޔުންތެރީންގެ ފޮތްތަކާއި ލިޔުންތަކުން އެމީހުން ދޭހަކޮށްދޭން މަސައްކަތްކުރާ މާނަ އެންމެ ފުރިހަމައަށް މޭރުންވާނީ، އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި ލިޔެފައިވާ އެއްޗަކާއިމެދު ފުންކޮށް ވިސްނާ ފިކުރުކޮށްގެން ކަމަށެވެ. އަދި، ކަމަކާއިމެދު ދެބަސްވުމުގެ ކުރީން އެކި މީހުންގެ ޚިޔާލާއި ވިސްނުން ތަފާތުވާނެކަން ދެނެހުރެ، އެފަދަ ޚިޔާލުތަކަށް މަރުޙަބާ ކިޔައި ފުރުޞަތު ދޭންވާނެކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، ހުރިހާ ކުދީންނަށް މިފަދަ ސިފަތައް ދަސްކޮށްދީ، އަށަގެންނެވުމަށް މުދައްރިސުންނާއި ބެލެނިވެރީން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އިނގިރޭސި ބަހާއި، އެހެނިހެން ބަސްތަކުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޒަރީޢާއިން ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އެކަމަނާ އަލިއެޅުއްވި އެވެ.، މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނާއި ކުދީންނަށް، އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށްވެސް، ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއް މެދުވެރިކޮށް ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ މި ޕްރޮގްރާމަކީ އޭޝިއާ ފައުންޑޭޝަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ޤައުމީ ކުތުބުޚާނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.