English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލް - ފޮޓޯ: އެޓޯލް ނިއުސް

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާގައި ޝާްއިޢުކުރުމުގައި ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ޚާއްސަ މައްސަލަތަކަށްވުމާއެކު، އެފަދަ މައްސަލަތަކާއި ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާގައި ޢާންމު ކުރެވޭ ގޮތަކުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރުން ތަކުރާރުވުމާއި، ރީ-ވިކްޓިމިޒައިންވުމުގެ ފުރުޞަތު ބޮޑުވާތީ، އެފަދަ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެ ކައުންސިލުން އެކުލަވާލާފައިވާ “ކުޑަކުދިންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިން” އާ އެއްގޮތަށް ޚަބަރު ފެތުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވާ ކުޑަކުއްޖާގެ ތަފްޞީލުތައް މީޑިއާގައި ޝާއިޢުކުރުމަކީ ހުއްދަކަމެއް ނޫންކަންވެސް މީޑިއާތަކަށް ހަނދާންކޮށްދޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ފަދަ ވީޑީއޯ އާއި ފޮޓޯ ނުވަތަ މަޢުލޫމާތު އާންމު ނުކުރުމަށް ޖެންޑަރ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ޖެންޑަރ މިނިސްޓްރީން ބުނެފައި ވަނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު ޢާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ ކުޑަކުދިންގެ ނޭދެވޭ ނުރަނގަޅު ޢަމަލުތައް ރެކޯޑްކޮށް މީސްމީޑިއާގައި ދައުރު ނުކުރުމަށް އާންމުންގެ ކިބައިން އެދޭ ކަމަށެވެ. އަދި އެފަދަ މައްސަލަައް މީސްމީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި ފުލުހުންނަށް ރިޕޯޓްކުރުމަށާއި، އެފަދަ ވީޑިއޯތައް ފެތުރުމަކީ ކުޑަކުދިންނަށް ގެއްލުން ލިބޭ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުޑަކުދިންނާއި ސުވާލުކޮށް، އެކުދިންގެ ވީޑިއޯ އާއި އޯޑިއޯ އަދި ފޮޓޯތައްވެސް ބައެއް މީހުން މީސްމީޑިއާގައި އާންމު ކުރެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އެ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ވާ ގޮތުން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެ އެވެ.