English Edition
Dhivehi Edition

މިއަދަކީ ފޭދޫއަށް ބޮޑު ދުވަހެކެވެ. ދުވަހުގެ އިރުފެނުން ތޮޅިލުމާއެކުވެސް ކޮޅުކޮޅަށް މީހުން ދުވެ ނަގަންފެށި ގޮތުން ބޮޑުކަމަކަށް ތައްޔާރު ވާހެން ހީވާން ފެށިއެވެ. އެއްބަޔަކު ބަނދަރު މަތި ކުނިކަހާ ރީތިކޮށް ލޯމަތިން ފެންނަ ކުނިބުނި އެއްފަރާތްކުރުމާއިގެން އުޅުނު އިރު އަނެއް ބަޔަކު ޒީނަތުގެ ގޮތުން ކުރެވެން އޮތް ކަމަކާއިގެން އުޅުނުތަން ފެނުނެވެ. މިތަންވަޅު ފޭދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައެއް ކްލަބް ޖަމްޢިއްޔާތަކާއި ވިޔަފާރި ވެރިން އަވަސްވީ އައްޑޫގައި ހަދާ ތަފާތު ބާވަތްތަކުގެ ސާމާނު ޑިސްޕްލޭކޮށް އެތަކެތި އެތުރުމާއިގެންނެވެ.

މިހާހިސާބުން މިއީ ރަށަށް ޒިޔާރަތް ކުރާ ޚާއްސަ ބަޔަކަށްޓަކައި ވާ ތައްޔާރީ ތަކެއް ކަން އެނގި ގެންދިޔައެވެ. އާއެކެވެ. ނަސާއޯ ބަހާމާސް ގެ ކްރޫޒް ލައިނާ އެއްކަމަށްވާ މަޝްހޫރު އާޓަނިއާ މިއޮތީ  ފޭދޫ ބޭރުގައި ބަނދަރުކޮށްފައެވެ. ޔޫރަޕްގެ 1200 އަށް ވުރެ ގިނަ ފަތުރު ވެރިންނާއި 521 ފަޅުވެރިންނާއެކު އާޓަނިއާއިން ރާއްޖެއަށް ކުރާ ތާރީޚީ ދަތުރުގެ ފުރަތަމަ ބަނދަރަކަށް އައްޑޫސިޓީ  މިވަނީ ވެފައެވެ.

އާޓަނިޔާގެ އައްޑޫ ދަތުރުގެ ކަންކަން ޙަވާލުވެފައިވާ އެންޓްރެކްހޯލްޑިން ގެ އައްޑޫ ރެޕްރެޒެންޓޭޓިވް މަސްއޫދު ސަޢީދު ވިދާޅުވީ މިއީ އައްޑޫގެ ފަތުރު ވެރިކަމަށް ލިބިދާނެ ބޮޑު ކުރިއެރުމެއްކަމަށާއި ދުނިޔޭގެ އެތައްޤައުމަކަށް އައްޑޫ ތަޢާރަފް ވެގެން މިއަދު ހިނގައްޖެ ކަމަށެވެ.

“މީގެން މިއައީ ޖާމަނީ އިޓަލީ އަދި ފްރާންސްގެ މީހުން،އޭޝިޔާގެ އެއްވެސް މީހަކު ނެތް. ޔޫރަޕްގެ ފަތުރުވެރިން މިއައީ. އެހެންވީމަ މިއީ އައްޑޫސިޓީ އިޝްތިހާރު ވާން ލިބުނު  ބޮޑު ފުރުސަތެއް”

 

މަސްއޫދު ވިދާޅުވީ ދަތުރުގެ ބައިވެރިން އައްޑޫސިޓީގެ ތިމާވެށީގެ ގޮތުން މުއްސަނދި  3 ސަރަޙައްދަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އެއީ އައްޑޫ ނޭޗަރޕާކާއި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ހުރި ސަރަޙައްދުގެ އިތުރުން ގަމުގައި އޮންނަ ސަދަން މޯސްޓް ޕޮއިންޓެވެ.

ކްރޫޒްލައިނާ އާޓަނިއާ އައްޑޫއިން ފުރާނީ މިއަދުހަވީރު 5 ޖަހާއިރުއެވެ. ރާއްޖޭގައި ޖުމްލަ 3 ދުވަސް ހޭދަކުރާގޮތަށް ދަތުރު ކުރަމުންދާ މިއުޅަނދު ދެން ބަދަރު ކުރުމަށް ހަމަޖެހިފައިވަނީ  މާލޭގައެވެ.