English Edition
Dhivehi Edition

ކ. މާފުށީގައި ނިވާކަން ކުޑަ ގޮތަކަށް ހުއްޓާ ފުލުހުން ހައްޔަރުކުރި ފަތުރުވެރިޔާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު މާފަށް އެދިއްޖެއެވެ.

މި ފަތުރުވެރިޔާއަށް މާފަށް އެދިފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދެވެ. މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް ރައްޔިތުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީން ދައުވަތު އަރުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ ހައްޔަރުކުރި ހާދިސާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެކުރިން ތަފްސީލްކޮށް ދެއްވާފައިވާ ކަމަށާއި ހިނގައިގެން ދިޔަ ހާދިސާއަށް ހިތާމަކުރައްވާ ކަމަށެވެ. ނަޝީދު މީގެ ކުރިން ވިދާޅުވީ ފަތުރުވެރިޔާ ހައްޔަރުކުރުމަކީ ރާއްޖޭގެ ނަން ކިލަނބުވެގެން ދާނޭ ކަމެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށްވާ ސެސިލިއާ ޖަސްޓްޒެމްބްސްކާ ރާއްޖެ އައީ ހަފްތާއެއްގެ ޗުއްޓީއަކަށް ނަމަވެސް ދިމާވި ހާދިސާ އާއި ގުޅިގެން ޗުއްޓީ ކުރުކޮށްލުމަށް ފަހު އޭނާ ވަނީ ރާއްޖެ ދޫކޮށް ފުރާފައެވެ. ސެސިލިއާ އަކީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މުސްތަޝާރެކެވެ.އޭނާ މަޝްހޫރުވެފައިވަނީ ޓްރެވެލް ބްލޮގާ އެއްގެ ގޮތުގައެވެ.ދުނިޔޭގެ އެކި ޤައުމުތަކަށް ޒިޔާރަތްކުރުމަށްފަހު އެތަންތަނާއި ބެހޭ މަޢުލޫމާތާއި ފޮޓޯއާއި ވީޑިއޯ އޭނާ ގެ ބްލޮގްގައި ޝާއިޢު ކުރެއެވެ.

25 އަހަރުގެ މިޒުވާނާ ރާއްޖެއައިސް ހިނގާދިޔަ ޙާދިސާއާއެކު އެއްބަޔަކު އޭނާ ޢަމަލު ކުރިގޮތް ކުށްވެރިކޮށް ނިވާކަން ކުޑަގޮތަކަށް އުޅުނު އުޅުން އެއީ ބައެއްގެ ތެރޭ އޮންނަ ޤާނޫނު މުގުރާލުން ކަން ސިފަ ކޮށްފައިވެއެވެ. މިއީ އިސްލާމް ނޫނަސް ދުނިޔޭގެ އެތައް ޤައުމެއްގައި މަނާ ކަމެއް ކަމަށް ވިއަސް މި ޢަމަލު ސެސިލިއާ ހިނގުމުން އަނެއް ބަޔަކު ކުށްވެރިކުރަނީ އޭނާ ހައްޔަރު ކުރުމަށް ރާއްޖޭގެ ފުލުހުން ޢަމަލު ކުރި ހަރުކަށި ގޮތެވެ.