English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަޚަމްކޮށްލި މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ 04 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ދިން ހަމަލައާއި ގުޅިގެން ޖުމްލަ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހަމަލާގައި އަނިޔާވެފައި ވަނީ ޗައިނާގެ 2 ފިރިހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންނަށް ހަމަލާދީފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ ދެމީހެކެވެ.

ފުލުހުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާއިރު، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިވެހި ޓެލެގްރާމް ޗެނަލް މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައި އެ އައިއެސް ޖަމާޢަތުގެ ދިވެހި ގޮފިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވީޑިއޯގެ ސައްޙަކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއިން ފަތުރުވެރިންނަށް ލާނެ ރަހައަކީ އަލިފާނުގެ ރަހަ ކަމަށާއި ދެން ހަމަލާތައް ދޭނެ ތަނެއްވެސް އަދި ދެވޭނެ ވަގުތެއްވެސް ނުވިސްނޭނެ ކަމަށް އެ ވީޑިއޯގައި ބުނެފައި ވެއެވެ.

އަދި އެކަމާއި ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.