English Edition
Dhivehi Edition
މާލޭގައި ހުޅުވި ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ އެންޑް ލޯން ސެންޓަރ - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތް މާލޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު މާލޭގައި އެ ބޭންކްގެ އާ އެކައުންޓް އޯޕެނިންގ އެންޑް ލޯން ސެންޓަރެއް ހުޅުވައިފި އެވެ.

އަމީނީ މަގުގައި ހުންނަ މާލޭ ސިޓި ސްކޮއަރގެ ފުރަތަމަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އެ ސެންޓަރުން ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރުފަހު 15:00 އާއި ހަމައަށް ކަސްޓަމަރުންނަށް ޚިދުމަތް ހޯދޭނެ އެވެ.

ބީއެމްއެލް އިން ބުނީ އެ ސެންޓަރަކީ ޕާސަނަލް ބޭންކިންގ ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ޕާސަނަލް އަދި ހައުސިންގ ލޯންތަކަށް އެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ސެންޓަރެއް ކަމަށެވެ. އަދި އެކައުންޓް ހުޅުވުމަށާއި، ލުއި ލޯނާއި ވެހިކަލް ލޯން ފިޔަވައި އެހެނިހެން ޕާސަނަލް ލޯންތައް ނެންގެވުމަށް ބޭނުންވާ ފަރާތްތަކުން ދުރާލައި އެޕޮއިންޓްމެންޓް ނަގަންޖެހޭނެ ކަމަށާއި، އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނީ ބީއެމްއެލްގެ ނަންބަރ 3330200 އަށް ކަމަށްވެސް ބޭންކުން ބުނެއެވެ.

މީގެ އިތުރުން ޕާސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ކާޑުތަކާއި، އިންޓަނެޓް ބޭންކިންގ އަދި ޗެކް ފޮތްތަކަށް އެދުމުގެ އިތުރުން އިންޓަނޭޝަނަލް ޓްރާންސްފަރ އާއި ޓްރާންސެކްޝަނަލް ޚިދުމަތްތައް ލިބޭނީ ބޭންކުގެ މައި ބްރާންޗުން ކަމަށާއި، ކަސްޓަމަރ ސަރވިސް ސެންޓަރަކީ ސްޓޭޓްމަންޓް އަދި ކާޑު ނެގުމަށް ޚާއްސަކޮށްފައިވާ ސެންޓަރެއް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމާއި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.