English Edition
Dhivehi Edition
އެފްއޭއެމްގެ ރައީސް، ބައްސާމް ޢަދީލް ޖަލީލް - ފޮޓޯ: ޔޫޓިއުބް (އަވަސް ވީޑިއޯސް)

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާންމު އިންތިޚާބު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ އެފްއޭއެމްގެ ރައީސް، ބައްސާމް ޢަދީލް ޖަލީލްގެ އެދިލެއްވުމަކަށް މިއަދު ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަގަ އެވެ.

ބައްސާމް ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި ފުޓްބޯޅަ އަކީ ވަކި ފަރުދަކަށްވުރެ މާ ޚާއްސަ ކުޅިވަރެއް ކަމަށެވެ. އަދި އިންތިޚާބަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތައްވެސް އިންތިޚާބުގައި ބައިވެރިވުމަށް ބައްސާމް ވަނީ ގޮވާލައްވައިފަ އެވެ.

ބައްސާމް ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމަށް ހުށަހެޅުއްވީ ފުޓްބޯޅަ އާއިލާތަކާއި ކްލަބްތަކަށް، އެ ފަރާތްތަކުން ބޭނުންވާ ލީޑަރޝިޕެއް ހޮވުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، އާންމުންގެ އިތުބާރު ބިނާކުރުމަށް ފީފާ އާއި އޭއެފްސީގެ ބެލުމުގެ ދަށުން މިނިވަން އަދި މުސްތަޤިއްލު އިންތިޚާބެއް ބޭއްވުމުގެ މަޤްޞަދުގައި ކަމަށެވެ.

އެފްއޭއެމްގެ އާންމު އިންތިޚާބުގެ އިތުރުން އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާވެސް އަންނަ މާޗު މަހުގެ 20 ވަނަ ދުވަހު ބާއްވަން އެކްސްކޯ އިން ވަނީ މިއަދު ނިންމައިފަ އެވެ.

އެކަމާއި ގުޅިގެން އެފްއޭއެމް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ މަޤާމްތަކަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް 15 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބުނީ އެކަމަށް އެދި ހުށަހަޅާނީ އެ އެސޯސިއޭޝަން އަށް ކަމަށާއި، ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރެވިފައި ކަމަށާއި، އަދި ސީލްކުރެވިފައިވާ ތާނގައި ކުލަބްގެ ތައްގަނޑު ޖަހަންވާނެ ކަމަށެވެ.