English Edition
Dhivehi Edition

ކުޑަކުދިންގެ ޙައްޤުތައްގެއްލޭ މައްސަލަތަކަށް ކަމާބެހޭ އިދާރާތަކުން އިހުމާލުވާ ވާހަކައަކީ އަޅުގަނޑުމެންނަށް އަބަދުވެސް އިވެމުން އަންނަ އަޑެކެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު  މުޅި ރާއްޖެ ސިއްސުވާލި ތުއްތު ތުއްތު ކުއްޖަކު އޭނާގެ މަންމަގެ ދެއަތުން ދިން ރަޙްމެއްނެތް އަނިޔާވެރި ޙަމަލާތަކަށް  ކެތްނުވެގެން މިދުނިޔެ ދޫކޮށްދިޔަ ޙާދިސާއަށްފަހުވެސް މިމައްސަލަ ޙައްލުވެފައިނުވާކަން ދާދި މިދާކަށްދުވަހު  ހިނގައިދިޔަ އެފަދަ އިތުރު ޙާދިސާއަކުން ހާމަވެގެން ހިނގައްޖެއެވެ.

ސުވާލަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަންކަމުގައިވާ އަޅުގަނޑުމެންގެ ލޮބުވެތި ތުއްތު ކުދިން މިފަދަ ޙާދިސާތަކުން ސަލާމަތް ނުވެގެން އުޅެނީ ކީއްވެތޯއެވެ؟  މިއަދުގެ ކުޑަކުދިންނަކީ ޤައުމުގެ މާދަމާގެ މުސްތަޤްބަލްގެ އުއްމީދު ކަމުގައިވާއިރު މިއީ ކުޑަމައްސަލައެއްގެ ގޮތުގައި ކަނޑައަޅައި ކުދިންގެ ރައްކާތެރިކަމަށް ދެވޭއަހައްމިއްޔަތު ކުޑަކުރެވެން އެބައޮތްތޯއެވެ؟ ނުވަތަ އިބްތިޙާލްގެ މައްސަލައަށްފަހުވެސް މިފަދަ ޙާދިސާތަކަށް ނިމުމެއް ނައައިސްގެން އުޅެނީ ކީއްވެތޯއެވެ؟

އޭއޯނިއުސްއިން ހޯދި ހޯދުމުން އެނގިފައިވާ ގޮތުގައި މިފަދަ މައްސަލަތައް ތަކުރާރުވުމުގެ އަޞްލަކީ އެފަދަ އަނިޔާ ތަޙައްމަލު ކުރަމުން ދާކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާފަރާތްތަކަށް އުފުލަން ޖެހިފައިވާ ތަކުލީފު ތަކެވެ. ޤަވާޢިދާއި ޤާނޫނުގެ އިމުގެ ތެރޭގައި ވަޒީފާއަދާކުރުމަށް މުވައްޒިފުންނަށް ހުރި ހުރަސްތަކެވެ. ވަޒީފާގައި ގިނަދުވަހު ދެމި ހުންނަން ބޭނުންނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި، ޒިންމާމަތި ކުރެވިފައިވާ ، ނުފޫޒާއި ބާރުގެ  ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސިވިލް ސާރވިސް ޤަވާޢިދާއި ޚިލާފަށް ވަޒީފާ އަދާކުރަމުންދާ  ޒިންމާދާރު ފަރާތްތަކަށް ބޯލަނބަން މަޖުބޫރުވެފައިވާ ވުމެވެ.

މައްސަލަތައް ޙައްލުކުރެވޭނީ މައްސަލައިގެ އަޞްލަށް ފަރުވާދެވިގެން ކަމަށްވާއިރު، ޚިދުމަތްފޯރުކޮށްދޭން ތިބި މުވައްޒިފުންނަށް ބިރުދައްކައި، ޤަވާޢިދާއި ޚިލާފަށް ސަރުކާރުގެ އިސްމަޤާމްތަކުގައި ތިއްބެވި ޒިންމާދާރު ފަރާތްތަކުގެ މަޞްލަޙަތަށް ބަލައި ޚިދުމަތް ފޯރުކޮށްދޭން އެމުވައްޒިފުންނަށް މަޖްބޫރުވާނަމަ އަޅުގަނޑުމެންގެ މުޖުތަމަޢު މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން ފޯރުކޮށްދެވޭނެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށްލަން ކިއުންތެރިންނަށް ދޫކޮށްލާނަމެވެ.

ސަރުކާރުގެ ޒިންމާދާރު އިސް މަޤާމްތަކުގައި ތިއްބަވާބޭފުޅުންގެ މިފަދަ އިހުމާލުގެ މަޢުލޫމާތު އޭއޯނިއުސްއަށް ލިބުމާއި ގުޅިގެން އެފަދައިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެއް ކުރެވިފައިވެއެވެ. މިގޮތުން ހޯދި މަޢުލޫމާތު ތަކުގެ އަލީގައި ހާމަވެގެން ދިޔަ އެއްކަމަކީ، ކުޑަކުދިންނާއި ގުޅިގެން ޝަރުޢީ ކޯޓުތަކުގައި ހިގަމުންއަންނަ މައްސަލަތަކުގައި ކޯޓުން އެދިގެން ކޯޓާއި މަޢުލޫމާތު ހިއްސާ ކުރި ކުރުމުގެ މައްޗަށް އެތަކެއް ތުހުމަތުތަކެއް އުފައްދައި ކޭސް ވޯކަރުން ވަޒީފާއިން ވަކިކޮށްފައިވާކަމެވެ. ވަޒީފާގައި އުފުލަންޖެހޭ ޒިންމާ އަދާކުރުމަކީ ވަކިފަރާތަކަށް ނާޖާއިޒު މަންފާ އަދާކުރުންކަމުގައި ތުހުމަތުކޮށް ކޭސް ވޯކަރުން ވަޒީފާއިން ވަކިކޮށްފައިވާކަމެވެ.

ނަތީޖާއެއްގެ ގޮތުން ތުއްތު ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން ޙައްޤު ގެއްލިގެންދިޔަ ފަރާތާއި އޭނާގެ  ބެލުމުގެ ދަށުގައިވާ ކުދިންގެ ޙައްޤު ހޯދައިދޭނެފަރާތެއް މި ވަނީ ނުވެފައެވެ.   ދައުލަތަށް ހުށަހެޅޭ ކުޑަ ކުދިންގެ މައްސަލަތަކަށް ހިރަފުސްއެޅި ނުބެލި ގިނަ ދުވަސްވާ މައްސަލަ ކުރިމަތިވަނީ މިފަދަ އެތައް ސަބަބުތަކަކާހެދިއެވެ.

މިފަދަ އިން ޒިއްމާދާރުކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އިސްނަގާ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ ބިރުވެރިކަން އެބައޮތްކަން ދޭހަ ވެގެން ދާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިތްފަޅައިގެންދާ ފަދަ ޙާދިސާތަކާއެކު ފެންމަތިވަމުން އަންނަ ތުއްތު ކުދީންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭނެކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.