English Edition
Dhivehi Edition

އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރާނެކަމަށެވެ. އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންއަންނަކަމަށާއި އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށުމަށްވެސް ވަނީ ނިންމާފައި ކަމަށެވެ.

މީގެ ކުރިން ރައީސް އައްޑޫސިޓީއަށް ކުރެއްވެވި ދަތުރުފުޅއްގައި އައްޑޫ ސިޓީ، މަރަދޫގެ މަސްވެރިންގެ ވަނީ ޑީކޯ ވެގެން ފަރުވާ ލިބޭނެ އިންތިޒާމް އައްޑޫގައި ގާއިމްވެފައި ނެތްކަމަށާއި އެކަމުގެ ބޭނުންތެރިކަން އޮތްމިންވަރު ރައީސަށް ދަންނަވާފައެވެ.

އައްޑޫގައި މީގެ ކުރިން ޑީކޯ ވާ ފަރާތްތަކަށް ފަރުވާދޭ ޗެމްބަރެއް ޝަންގްރިއްލާ ރިސޯޓުގައި ހުރި ނަމަވެސް އެތަންވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ބަންދުކޮށްފައެވެ. މަސްވެރިންނާ ކުރެއްވެވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ހޮސްޕިޓަލުގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޚާއްސަ ތަނެއް (ޗެމްބަރެއް) ޤާއިމްކުރެވިދާނެ ކަމަށެވެ. އަދި އެއީ ކުރެވިދާނެ ކަމެއް ކަމަށާއި އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި އެކަން ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަން ތަރައްޤީކުރަން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށާއި މަސްވެރިންނާއި އޮޑިވެރިންގެ އަމިއްލަ މަސައްކަތުން މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރިއިރު އެއާ ގާތްކުރާ މިންވަރަށް ވެސް މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ ރަނގަޅު ސިޔާސަތެއް ކުރީ ސަރުކާރުތަކުން ގެންގުޅެފައި ނުވާކަމަށެވެ.