English Edition
Dhivehi Edition
އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަރުގެ ބޭފުޅުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެޑިޔުކޭޝަން މިނިސްޓްރީ)

އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރްއާން ހެދުމަށް ވިސްނާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އާ ޤައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެންދިއުމާއެކު ގްރޭޑް 1 އިން ގްރޭޑް 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވާދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ގްރޭޑް 9 ގައި ކިޔަވާދޭން ފަށާފައިވާކަަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި އަހަރު ގްރޭޑް 10ގެ ދަރިވަރުންނަށް މާއްދާއެއްގެެ ގޮތުގައި ކީރިތި ގުރުއާން ދަނީ ކިޔަވައިދެމުންކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ކީރިތި ޤުރުއާން ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދިނުމަކީ މިނިސްޓްރީގެ އަމާޒެވެ. އަދި ކީރިތި ޤުރްއާން އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މި މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ،ޚުލްޤު ހެޔޮ ދަރިވަރަކަށް ހެދުން ކަމަށެވެ.