English Edition
Dhivehi Edition

ރާއްޖޭގެ ތިން ސިޓީގައި މިވަގުތު ތިއްބެވި މޭޔަރުންނަށް ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމުގެ އަސްލު ސަބަބަކީ ލާމަރުކަޒީ ނިޒާމް ރޫޅާލައި ކައުންސިލްތައް ހަލާކުކޮށްލުމަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތައް ފެއިލްކޮށްލީ ކުރީ ސަރުކާރުން ކަމަށާއި، ސިޓީ ކައުންސިލުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނަށް މިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

“ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި މޭޔަރުން ފެއިލްވީ އެއް ނޫން. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތައް ފެއިކްކޮށްލީ” އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ތިން ސިޓީގެ މޭޔަރުންނަށްވެސް އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވީ ލާމަރުކަޒީ ނިޒާމާއި ލާމަރުކަޒީ ގާނޫނު ފުނޑާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށާއި ސިޓީ ކައުންސިލްތަކަށް މަސައްކަތްނުކުރެވުނު އެންމެ ބޮޑު ސަބަބަކީ، ލާމަރުކަޒީ ނިޒާމް ރޫޅާލައި ކައުންސިލްތައް ހަލާކުކޮށްލުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޕާޓީގެ ޕްރައިމަރީއިން ނިކުތް ނަތީޖާ ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ. އެއީ ޕާޓިގެ މެމްބަރުން ކޮށްފައިވާ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ޕްރައިމަރީން ހާމަވެގެން ދިއައީ، ޕާޓީ މެމްބަރުންގެ ހިޔާލު ކަމަަށް ވެސް ނަޝީދު ވިދާޅުވިއެވެ.