English Edition
Dhivehi Edition
ނިލަންދޫސްޕޯޓްސްކްލަބް އިފްތިތާޙްކުރުން

ފ.ނިލަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ނިލަންދޫ ސްޕޯރޓްސް ކްލަބް ފުޓްބޯޅަ އެކަޑަމީގެ ޙަރަކާތްތައް ރަސްމީކޮށް ނިލަންދޫގައި ފަށައިފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެމެދު ވޭތުވެދިޔަ ހަފްތާގައި ސޮއިކުރެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)ގެ ދަށުން ހުކުރު ދުވަހު ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައި އެކަޑަމީގެ ޙަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ޙަސަން ޢުމަރުއެވެ. މިރަސްމިއްޔާތުގައި އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރ އަދި ނިލަންދޫ ސްޕޯޓްސް ކްލަބްގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ)އާއި ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީއާއި މިނިސްޓްރީ އޮފް ޔޫތު ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ޔޫތު އެގްޒެކެޓިވް އަޙުމަދު މުޖުތަބާއާއި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކްލަބް ޖަމްޢިއްޔާތަކުގެ އިސްވެރިންގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި މިއީ ނިލަންދޫއަށް ލިބިގެންދާ ވަރަށްބޮޑު ޝަރަފެއްކަން ފާހަގަކޮށް މިލިބުނު ފުރުޞަތުގެ ބޭނުން ހިފައިގެން ކޮންމެ ކުއްޖަކީވެސް މުސްތަޤުބަލުގައި މޮޅު ކުޅުންތެރިޔަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރުގެ ވާހަކަ ފުޅުގައި މީފެށުމެއްކަމަށް ވިދާޅުވެ މިކަމުގެ ސަބަބުން މުސްތަޤުބަލުގައި އިތުރު އެތައް ފުރުޞަތެއް ފަހިވެގެންދާނެ ކަމަށާއި މިއަދު ކޮންމެ ކުއްޖަކުވެސް އަމާޒެއްކަމުގައި ކަނޑައަޅަންވީ ދުރުނޫން މުސްތަޤްބަލެއްގައި ނިލަންދޫޓީމަށް އަދި އެހެން ޓީމަކަށްވިޔަސް އެންމެ މަތީފަންތީގައި ކުޅުމަށްކަމަށް ވިދާޅުވިއެވެ. ކްލަބްގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ބޮޑު އެހީތެރިކަމާއެކު ފެށިގެންމިދާ އެކަޑަމީއަކީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކުރިޔަށްގެންދާ ކަމެއްކަމަށްވިދާޅުވިއެވެ. އަދި އެކަޑަމީ ފެށިގެންދާއިރު އެކަޑަމީގައި ޙަރަކާތްތެރިވާ 5 ކޯޗުންނާއި އެހެނިހެން ފަރާތްތަކީވެސް ފުޓްބޯޅައިގެ ގްރާސްރޫޓް ކޯޗިންގެ ކޮންމެވެސްވަރެއްގެ ތަމްރީނެއް ލިބިފައިވާ ފަރާތްތަކެއް ކަމަށާއި ފެބްރުއަރީ މަހުގެތެރޭގައި ނިލަންދޫގައި “ޑީ ލައިސްންސް” ކޯޗިންގް ޕްރޮގްރާމެއް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވަމުންދާކަމަށް ވިދާޅުވިއެވެ. މިޕްރޮގްރާމާއެކު އެކަޑަމީގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ފީފާ އެޓޯލް ޕްރޮޖެކްޓް ފާފު އެޓޯލް ޓްވާރޑްސް ފިއުޗާރގެ ދަށުން ނިލަންދޫ ސްޕޯރޓްސް ކްލަބާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނިލަންދޫގައި ކުރިޔަށްގެންދާ އެކަޑަމީ ފެށިއިރު ޢުމުރުން 5 އަހަރުފުރި 18 އަހަރު ނުފުރޭ 51 ކުއްޖަކު ބައިވެރިވެފައިވާއިރު މިހާތަނަށް އެކަޑަމީގައި 60 އަށް ވުރެ ގިނަ ކުދިން ރެޖިސްޓްރީކޮށްފައިވެއެވެ. އެކަޑަމީގެ ޙަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިހާރުވެސް ނިލަންދޫގައި ނިލަންދޫ ޔަންގްޖެނެރޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ގްރީން އެކަޑަމީއަށް އެފަރާތުން ރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން 10 ބޯޅަ ވަނީ ހަދިޔާކޮށްފައެވެ. ނިލަންދޫ ސްޕޯރޓްސް ކްލަބް އެކަޑަމީގެ ފަރާތުން ކްލަބްގެ ރައީސް އަންވަރު ޢަލީ ޙަވާލުކުރި މިބޯޅަ ތަކާއި ގްރީން އެކަޑަމީގެ ފަރާތުން ޙަވާލުވީ ނިލަންދޫ ޔަންގް ޖެނެރޭޝަންގެ ރައީސް ޢަބްދުލް ޙަމީދު މޫސާއެވެ. މީގެ އިތުރުން  2 އެކަޑަމީގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާއިރު މިއެއްބަސްވުމުގެ ދަށުން ނިލަންދޫ ސްޕޯރޓްސް ކްލަބް އެކަޑަމީން ގްރީން އެކަޑަމީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ދެފަރާތް ގުޅިގެން މަސައްކަތްތަކެއްވެސް ކުރުމަށްވަނީ ހަމަޖެހިފައިވެއެވެ.

ނިލަންދޫ ސްޕޯރޓްސް ކްލަބްގެ އެކަޑަމީ ފެށުމަށް ހުކުރު ދުވަހު ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތު ސްޕޮންސަރ ކޮށްފައިވަނީ ނިލަންދޫގައި ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންގެންދާ ފަރާތެއްކަމުގައިވާ “ރެމޯރާއިން” އިންނެވެ.