English Edition
Dhivehi Edition

ނުރައްކާތެރި ތަފާތު އެކި އެކި ކަހަލަ ޖަރާސީމުތަކާއި ރޯގާތަކާއި ބަލިތައް އާއްމުވުމަކީ އެންމެހައި އިންސާނުން އެކަމާއި މެދު ފުންކޮށް ވިސްނާ ފުކުރު ހިންގާ، އެކަމުން އިބްރަތް ލިބިގަނެ ހާއްސަ ސަމާލުކަންދޭން ޖެހޭ ކަންކަންކަމުގައި ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަށް އަލިއަޅުވާލަމުން ހުތުބާގައި ވިދާޅުވީ ރާއްޖެއަކީ އެކި ގައުމުތަކުން މީހުން ޒިޔާރަތްކުރާ ގައުމަކަށް ވީ ހިދު ގައިންގަޔަށް އަރާ މިފަދަ ރޯގާއެއް ފެތުރެމުންދާއިރު އެކަމަށް ދިވެހިން ވަރަށް ބޮޑަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު އަޅަން ޖެހޭ ކަމުގައެވެ. މި ގޮތުން ސިއްހަތު ޖަމްމިއްޔާއިން އިލްތިމާސްކޮށްފައިވާ ގޮތަށް އެ ބައްޔެއް ފެތުރިފައިވާ ގައުމަކަށް ނުވަތަ ތަނަކަށް ޒިޔާރަތްނުކުރުމާއި ބައްޔަށް ޝައްކު ކުރެވޭ މީހުން ވަކި ތަނެއްގައި ބޭތިއްބުމަށް ހުކުރު ހުތުބާގައިވަނީ އިލްތިމާސްކޮށްފައެވެ.

ކަރަންޓީނުގެ އުސޫލަށް ތަބާވުމާއި ބެހޭ ގޮތުން ހުތުބާގައި ވިދާޅުވީ އެއީ މީގެ ސަދަސަތޭކަ އަހަރު ކުރިން އިސްލާމް ދީނުގައި އެކަމަށް ބާރުއަަޅާ ގޮވާލާފައިވާ ވަރުގަދަ އުސޫލެއް ކަމަށެވެ. “ވާންހުރިކަމެއް ވާނެ ނޫންހޭ ބުނެ ސަބަބުތަކާއި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާއި ހިލާފްކަމެއް. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތާއި ހިލާފަށް ކަރަންޓީނުގެ އިސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން.އަދި ﷲ ވަކީލުކުރުމާއި ފުށުއަރާކަމެއްވެސް ނޫން. ” ހުކުރު ހުތުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން ގަޟާގަދަރަށް އިމާންވެ ހައްޤު ގޮތުގައި ﷲ ވަކީލުކުރާނަމަ އަސްބާބުތަކުގައި ހިފަންޖެހޭ ކަމަށް ވިދާޅުވެ އެކަމުގެ މިސާލުތައް ހުކުރު ހުތުބާގައި ވަނީ ވިދާޅުވެ ދެއްވާފައެވެ،