English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމާއި ބެހޭ ގޮތުން ރައީސު އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލައްވާފައިވާ ޚާއްޞަ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ރައީސް ޞާލިޙް ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ސާފުކުރައްވާ، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ޙާލަތުގައި ޢަމަލު ކުރައްވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު ރައީސް އޮޅުންފިލުއްވާލައްވާފައިވާ ކަމަށެވެ. އަދި، މި ބަލީގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ކަމާއިބެހޭ ވުޒާރާތަކުގެ ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއި، ޞިއްޙީ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.)ގެ އޮފިޝަލުން ހިމެނި ވަޑައިގަންނަވައެވެ.