English Edition
Dhivehi Edition
ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް - ފޮޓޯ: ޕޮލިސް

ބަނގުރާ ފުޅިތަކެއް ހިފައިގެން ޓެކްސީއެއްގައި ދިޔަ ދެ ބިދޭސީއަކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުން ދިޔަ ޓެކްސީއެއްގައި ބަނގުރާ ހުރި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ އިއްޔެ ހަވީރު 17:14 ހާއިރު ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ގޮސް ޓެކްސީ ހުއްޓުވައި، ޓެކްސީގެ ޑިކީގައި ހުރި ދަބަސްތަކެއް ބަލައިފާސްކުރިއިރު، 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ޓެކްސީގައި ތިބި އުމުރުން 23 އަހަރާއި 24 އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ޓެކްސީ ދުއްވަން ހުރި ޑްރައިވަރަކީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު މިވަނީ އިތުރުވެފަ އެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުވެސް 16 ފުޅި ބަނގުރަލާއި ދެ ބިއަރު ދަޅާއެކު 19 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކުވެސް ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުވެސް ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކަކާއެކު މާފުށިންވެސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.