English Edition
Dhivehi Edition

 

މަޝްހޫރު ފިލްމީ ތަރި އައްޒައާ އެކު ދިރާގު ޓިވީއިން މުޅިން އާ ދިވެހި ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ. ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރުގެ ތެރޭ އައްޒަގެ ކޮންޓެންޓް އާންމުންނަށް ފެނިގެންދާނެކަމަށް ދިރާގުން މަޢުލޫމާތު ދެއްވައެވެ.

 

މިކަމާގުޅޭ ގޮތުން އައްޒަ ވިދާޅުވީ ދިރާގު ފަދަ ބޮޑު ކުންފުންޏަކާއެކު މަސައްކަތް ކޮށްލަން ލިބުމަކީ އޭނާގެ ފިލްމީ ކެރިއާގައި ލިބުނު ބޮޑު ކާމިޔާބީ އެއްކަމުގައެވެ.

“ދިރާގު ކަހަލަ ބޮޑު ކުންފުންޔަކާއެކީ މިކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮއްލަން ލިބުމަކީ ހަގީގަތުގައިވެސް ފިލްމީކެރިއާގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި ހަމަ އެހާމެ ބޮޑު ނަސީބެއް. ދިރާގަކީ ފަންނުވެރިންގެ މަސައްކަތުގެ އަގު ވަޒަންކުރާ އަދި ޚާއްސަ ގޮތެއްގައި ފިލްމީ ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި، ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކާއެކު ވަރަށް ބުރަމަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް. އެހެންކަމުން މި ފުރުސަތުގައި ކުންފުނީގެ އެންމެހައި އިސްވެރިންނަށާއި، އަދި މިކަމުގައި ބުރަކޮށް މަސައްކަތް ކޮށްދިން ހުރިހާ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.”

 

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެވެ. އެގޮތުން ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދިރާގުންވަނީ ރާއްޖޭގެ އާބާދީގެ %74އަށް ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތްވެސް މެއެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

 

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންނެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުނުންކަމަށް ދިރާގުން މަޢުލޫމާތުދެއްވައެވެ.