English Edition
Dhivehi Edition

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ދަރުބާރުގޭގައި ރޭ ބޭއްވި މި ޙަފްލާ ކުރިޔަށްގެންގޮސްފައިވަނީ ދެޤައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ އެކިއެކި ބައިތައް ހިމަނައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިޙަފްލާގައި ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.މި ޙަފްލާގައި އިންޑިޔާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

މި ޙަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. އަދި އިންޑިޔާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިޙަފްލާގައި މިއުޒިކީ ހުށައެޅުންތައްވެސް ހުށައަޅާފައިވެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.