English Edition
Dhivehi Edition

ރާއްޖޭގައި، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން އެއްވެސް މީހަކު ޓެސްޓް ކޮށްފި ނަމަ އެކަން ވަގުތުން ވަގުތަށް އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި އަލާމާތްތައް ހުރި މީހަކު ވެސް މިހާތަނަށް ފެނިފައިނުވާކަމަށާއި އެފަދަ މައްސަލަ އެއް ފެނިއްޖެނަމަ ވަގުތުން ވަގުތަށް އެކަން އާންމުކުރައްވާނެކަމަށެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވެފައިވާއިރު ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ރާއްޖެ އައި ފަތުރުވެރިއަކު ކަރަންޓީން ކޮށްފައިވާކަމަށް ބުނާ ވާހަކަތަކެއްވަނީ ފެތުރިފައެވެ .ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިފައި ވަނީ ރާއްޖެ އައި ޗައިނާ ފަތުރުވެރިއެއް ކަމަށާއި އަދި ކޮރޯނާއަށް ޝައްކު ކުރެވުނު ހިސާބުން އެ މީހާ އެއާޕޯޓުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހައްދައި، މިހާރު އެ ހޮސްޕިޓަލުގައި ކަރަންޓީން ކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.

ސަރުކާރުން މިކަން ސިއްރުކުރާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު އެ ވާހަކަ ތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ކަމާބެހޭ އިދާރާތަކުންވަނީ އިލްތިމާޒުކޮށްފައެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލާފައިވާ އިރު އެ ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު އެވެ.

1 ކޮމެންޓް
އަޙުމަދު މުޙައްމަދު
ޖެނުއަރީ 27, 2020
ތީގެ މާނައަކީ ސިއްރުކުރާނަމޭ. މި ސަރުކާރަކީ ނުކުރާނަމޭ ބުނާ ކޮންމެ ކަމެއް "ޒީރޯޓަލަރެންސް" ކުރާ، އަދި ކުރާނަމޭ ބުނާ ކޮންމެ ކަމެއް ނުކޮށް "ކުރީ ސަރުކާޜު" ކުރާ ބަޔެއް. ނާގާބިލު ދެއުޅި އެއްނުވާ ބަޔަކު ވަޒީރުންނަށް ލައިގެން، ކޮންމެ ކަމެއް "ޒީރޯޓޮލަރެންސް"ގެ ދަށުން ދޫކޮށްލާ މީހަކު ރައީސަކަށް ލައިގެން ބަތްކައްކާ ކުޅޭ ބަޔެއް މީ.