English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާއި އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާ ބައްދަލުކުރި މެޗުން ބާސެލޯނާ ބަލިވެއްޖެ އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މިމެޗު 2-0 ލަނޑުން ކާމިޔާބުކޮށް ވެލެންސިޔާ ވަނީ 2007 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ލީގުގައި ބާސެލޯނާ ބަލިކޮށްފައެވެ.

ރޭގެ މެޗުން ބަލިވިނަމަވެސް ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއްވަރަށް 43 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލުން އެއް މެޗު މަދުން ކުޅެގެން އެ އަދަދަށް ޕޮއިންޓް ހޯދާފައިވާއިރު، މިރޭ ކުޅޭ މެޗުން މޮޅުވެގެން ރިއަލްއަށް ލީގުގެ އެއްވަނަ މަގާމަށް އާދެވޭނެއެވެ.

ރޭގެ މެޗްގައި ބާސެލޯނާގެ ކޮޅަށް ވެލެންސިއާ އިން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު ހާފްގަ އެވެ. ފުރަތަމަ ލަނޑަކީ މެޗްގެ ފަހު ހާފް ފަށައިގެން ތިން ވަނަ މިނެޓްގެ ތެރޭގައި ވެލެންސިއާގެ މެކްސީ ގޯމޭޒް ބާސެލޯނާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ބޯޅަ ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ލަނޑެކެވެ. ވެލެންސިއާ އަށް މެޗްގެ ލީޑް ފުޅާކޮށްދިން ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގޯމޭޒް އެވެ.