English Edition
Dhivehi Edition
ރޭޕް އާއި ދެކޮޅަށް މާލޭ އާޓީފިޝަލް ބީޗު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޕޮލިސް)

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބާއްވާ މުޒާހަރާތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ޚިލާފު ޢަމަލުތައް ހިންގާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ އެފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމު ފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ރައްޔިތުން، ޚައްސަކޮށް ޒުވާނުން ހިންގާ ޙަރަކާތްތަކަށް އެ މުއައްސަސާއިން މަރުޙަބާ ކިޔައި ހިތްވަރުދޭ ކަމަށެވެ.

އަދި އެ ޙަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސްޖެހުމެއް ނެތި އެފަދަ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމުގެ ރޫހެއް އުފެދިފައިވުމަކީ މުޖުތަމަޢުގެ ތެރޭގައި އުޅޭ އެފަދަ ޢަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދިނުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހެޔޮ ނިޔަތުގައި އާންމު ރައްޔިތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމްކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ޚިލާފު ޢަމަލުތައް ހިންގައި، ކުޑަކުދިންނާއި އެނޫންވެސް ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތައް ތަކުރާރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަޤްޞަދާއިވެސް ޚިލާފު ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ބައެއް މީޑިއާތަކުންވެސް އެފަދަ ކަންކަމާއި ގުޅޭގޮތުން ޚަބަރު ފެތުރުމުގައި އެފަދަ މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއިމެދު ކަންކަން ކުރަންޖެހޭ ގޮތް ކަމަށް ދެއްކުމަށް މަސައްކަތްކުރާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކޮންމެ ފަރުދަކާއި މެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތިން ޢަމަލުކޮށް އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ އެ މުއައްސަސާތގެ މަސްއޫލިއްޔތަކަށްވާއިރު، ކުށުގެ ތުހުމަތު އުފުލޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައިވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އަދި ކަނޑައެޅިފައިވާ އިޖުރާޢަތުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫންތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުންވެސް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލަތައް ބަލާ ތަޙުޤީޤުކޮށް، ކުށް ކުރާ ފަރާތްތަކާއި މެދު ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފުލުހުންނަށް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމުގައި މި ސަރވިސް އިން އބަަދުވެސް ދެމިތިބޭނެ ކަމުގައި ދަންނަވަމެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅެ ގޮތުން އަޑުއުފުލާ، މުއައްސަސާތައް ޒިންމާދާރުކުރުމަށް ގޮވާލާ ފަރާތްތަކުން ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ޙަރަކާތްތަކަށް މި ސަރވިސްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަންވެސް ފާހަގަކުރަމެވެ.”، އެ ބަޔާނުގައި ވެއެވެ.

އަދި އެފަދަ ފުރުސަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ،