English Edition
Dhivehi Edition
ކ.ގުރައިދޫ ގައި އެމްޑީޕީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އަންހެން ކުދިން ޚިތާނުކުރުމަކީވެސް ހަމަ ޖިންސީ އަނިޔާކުރުން ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ.

“މިހާރު ވާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ފާސްކޮށް ތަޞްދީޤުކުރެވިފައި. އެކުދިން ޚިތާނު ކުރުމޭ ކިޔާ ތިޔަކުރަނީ ހަމަ ޖިންސީ އަނިޔާ”، އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނަށްވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިސްލާމް ދީނުގައި އަންހެނުން ޚިތާނު ކުރުމާއި ގުޅޭގޮތުން ދީނީ ގޮތުން އޮންނަ ގޮތް އޮޅުންފިލުވައި ދެއްވުމަށް އެދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅި މައްސަލައެއް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީނީ ގޮތުން މައްސަލައެއް އޮޅުފިލުވައިދިނުމަށް އެ މިނިސްޓްރީގެ ފަރާތުން ފަތުވާ މަޖިލީހުގައި ހަމައެކަނި އެދެވޭނެ ފަރާތަކީ، އެއިރެއްގައި އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނަވާ އެންމެ އިސް ފަރާތް ކަމަށްވާތީ، އެޗްޕީއޭގެ އެދުމުގެ މަތިން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ، ދީނީ ގޮތުން އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން އޮންނަ ރަޢުޔު ބަޔާންކޮށްދިނުމަށް ފަތުވާ މަޖިލީހުގައި ދަންނަވާފައި ވާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ އެ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވިޔަސް، އެއީ އެއްވެސް ޙާލެއްގެ އެ މިނިސްޓްރީގެ ބޭނުމަކަށް އެދިފައިވާ ފަތުވާއެއް ނޫން ކަމަށެވެ. އަދި އެ މިނިސްޓްރީ އަކީ ރައްޔިތުންނަށް ދީނީ ގޮތުން އޮޅުންއަރާ ކޮންމެ ކަމެއްގައި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދަކު އެކަމެއްގައި ދީނީ ގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ފޮނުއްވި ސިޓީއެއްގައި ވަނީ އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދި އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ބާތިލްކޮށް، އެކަން އިސްލާމިކް މިނިސްޓްރީ އަށް އެންގުމަށް ދަންނަވައިފަ އެވެ.

އަދި އަންހެނުން ޚިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށާއި އަދި އެކަމަކީ ލަފައެއް ހޯދަންޖެހޭ ޙަލަތެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރ އަމީންގެ ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.