English Edition
Dhivehi Edition
އެމްއެންޑީއެފް އިން މާލޭގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އެ މުއައްސަސާއިން ތަޙުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކައްދަކަވަމުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އެފަދަ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިނަމަވެސް އެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު ނާޅާ ކަމަށެވެ. އެގޮތުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖެކު ސިފައިންގެ ދެ މީހަކު ރޭޕް ކުރި މައްސަލައެއް ބެލުން ލަސްވެފައިވާކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ، އަދިވެސް އެ އަމަލު ހިންގި މީހުން ދޫވެފައި ތިބިކަމަށެވެ،

“އެކުއްޖާ ވިކްޓިމައިޒް ކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް.އޭގެ ފަހުން ވެސް އެ މީހުން ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ؟”، ރޮޒައިނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންމަތިވަމުން އަންނައިރު، މިހާތަނަށް އޭގެ އެއްވެސް މައްސަލައަކާއި ގުޅިގެން އެންމެ އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާ ކަމަށާއި، އެފަދަ މައްސަލަތަކުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވާ ކަމަށްވެސް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.