English Edition
Dhivehi Edition

އުމުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކާމެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހު 13:00 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާއިރު، މި މައްސަލަތައް ފެންމަތިވާން ފެށީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކަށް. އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލަ ފަޅާއެރުމުންނެވެ. އެ މައްސަލައާއި ގުޅިގެން ދެ ކާފައިންވެސް މިހާރު ހައްޔަރުކޮށް ބަންދު ޖަހާފައިވާއިރު، އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.