English Edition
Dhivehi Edition

މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބެމުން އަންނަ ކަމަށެވެ. މިގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރު ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށްވެސް އެމް އެން ޑީ އެފް އިން އިލްތިމާސްކުރެއެވެ.

އަދި ޚާއްޞަކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.