English Edition
Dhivehi Edition

އިންތިޚާބެއް ބޯމަތިވަމުން އަންނައިރު އެންމެ ގިނަ އިން އިވޭ އަޑަކީ ތިމާ ވޯޓުދޭން ޖެހޭ އެންމެ ރަނގަޅު ކެންޑިޑޭޓަކާ މެދު ކުރެވޭ ބަހުސްގެ އަޑެވެ. ބައެއް މީހުން އެމީހުންގެ ތިމާގެ މީހާ ނުވަތަ އާއިލާ މީހާއަށް ވޯޓު ދިނުމަށް ބޭނުންވާ އިރު އަނެއް ބަޔަކު ބޭނުންވަނީ ތިމާ ސަޕޯޓު ކުރާ ޕާޓީގެ މީހާއަށް ވޯޓު ދިނުމެވެ. ނުވަތަ ޕާޓީގައި ގިނަ ދުވަސްވީ އަދި އެންމެ އަޑުގަދަކޮށް އުޅޭ މީހަކަށް ވޯޓު ދިނުމަށެވެ. ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކަމަށް އެންމެ ގާބިލް އަދި އެކަށީގެންވާ މީހަކީ ކޮބައިތޯ ބަލައި އެފަދަ މީހަކަށް ވޯޓުދޭ މީހުން މަދުން ވިޔަސް ނުފެނެއެކޭ ނުބުނެވޭނެއެވެ.

މިހާރު އެންމެ ގާތުގައި އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބެވެ. އެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކުރިމަތިލާ ކެންޑިޑޭޓުންގެ ޕްރައިމަރީތަކެވެ. ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ކޮންމެ ކެންޑިޑޭޓަކު ހޮވުނު ކަމުގައި ވިޔަސް މަގާމު އޮތީ އެ ކެންޑިޑޭޓަކަށް ކަށަވަރު ވެފައެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމުގައި ޕާޓީގެ މެމްބަރުން ވިސްނަން ޖެހެއެވެ. ހަވާލު ކުރެވޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ހަވާލުކޮށް ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެ ގާބިލް މީހަކަށް އެގޮނޑި ކަށަވަރު ކޮށްދޭން ޖެހެއެވެ.

33 އިންސައްތަ އަންހެނުންނަށް ލިބިގެން ދާ މި އިންތިޚާބުގައި އައްޑޫސިޓީގެ ހިތަދޫ ބޭރުމަތި ދާއިރާއަށް ވާދަކުރުމަށް ސ. ހިތަދޫ އަލްމާސް، ފާތިމަތު ނަސްރަތު ބޭނުންވީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ދާއިރާގެ ތަރައްގީއަށް ނިކުންނަ މީހަކީ އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ގާބިލް މީހަކަށް ވުމަށް ރައްޔިތުން އެދި އެކަމަށް ބުނުމުންނެވެ. ސިޔާސީ ދާއިރާއާއި މާ ރައްޓެހި ނޫން ނަމަވެސް ނަސްރަތު މި ދާއިރާއަށް ނިކުންނަން ބޭނުންވި ސަބަބަކީ މިއީއެވެ. ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދިނުމަށެވެ.

30 އަހަރު ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރި ނަސްރަތަކީ 2019 ވަނަ އަހަރާއި ހަމައަށް ހިތަދޫގެ މެދުވަލު ސްކޫލްގެ ޕްރިންސިޕަލެވެ. މުވައްޒަފުން ލައިގެން މަސައްކަތް ކުރުމާއި ބެލެނިވެރިންގެ ފަރާތުން އަންނަ މައްސަލަތައް ހައްލުކުރުމުގައި ނަސްރަތު އަކީ ނަމޫނާ ޕްރިންސިޕަލެކެވެ. ހިތްހެޔޮ ކަމާއި އޯގާތެރި ކަމާއި އަދި ވިސްނުންތެރިކަމާއެކު ކަންކަން ރާވައި ހިންގުމުގެ މޭސްތިރިއެކެވެ. ސްކޫލުތަކުގައި ބެލެނިވެރިންގެ ފަރާތުން އަންނަ ޝަކުވާތަކާއި ދިމާވާ ކުދި އަދި ބޮޑެތި މައްސަލަތައް ހައްލުކޮށް އެންމެން ގޮވައިގެން މަސައްކަތް ކުރުމުގައި މިހާތަނަށް ނަސްރަތުވަނީ ކާމިޔާބުކޮށްފައެވެ. ނަސްރަތު ފާހަގަކުރެވެނީ ހަމަ ހަމަކަމާއެކު އިންސާފުން މަސައްކަތް ކޮށް އެހެންމީހުންގެ ޚިޔާލުތަކަށް އިހްތިރާމު ކުރާ އެންމެންނާގުޅޭ މީހެއްގެ ގޮތުގައެވެ. ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި ކުރަން ޖެހޭ އެންމެހައި މަސައްކަތް ހީވާގި ކަމާއެކު ކޮށް، ނިންމަން ޖެހޭ ބޮޑެތި ނިންމުންތައް ނިންމުމާއި ސްކޫލުގެ ބަޖެޓް ދިރާސާކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ ކުރިއެރުމާއި މުވައްޒަފުންގެ ގުޅުން ދަމަހައްޓައި ހަރުދަނާ ކުރުމަށް ފާއިތުވި ތަނުގައި ނަސްރަތު ކޮށްފައިވާ ކާމިޔާބު މަސައްކަތް ގިނަބަޔަކަށް ވަނީ ފެނިފައެވެ.

އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ހަދަމުން ދާ ނަސްރަތު މިހާރު ތައުލީމީ ދާއިރާއާއި ދުރައްޖެހި ވޮލެންޓްރީ މަސައްކަތަށް ނިކުމެފައިވާ އިރު ނަސްރަތަކީ ދެކުނުގެ 4 އަތޮޅަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ސަދަންކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ އެއް ފައުންޑަރ މެމްބަރެވެ. ހަމަ އެއާއެކު އައްޑޫވިމެންސް އެސޯސިއޭޝަނުގެ މެމްބަރެއް މެއެވެ.

“އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކުރެވޭ ކަހަލަ މަސައްކަތެއް ކުރުމަށް. ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ. މިހާރު ބޭނުންވަނީ އެހެން ދާއިރާއަކުން ވިޔަސް ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތަކެއް ރައްޔިތުންނާ ގާތުން ކުރުމަށް ފުރުސަތު ލިބުން” މި ފަދަ މަގާމަކަށް ކުރިމަތި ލި ސަބަބާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ނަސްރަތު ކިޔައިދިނެވެ.

އަބަދުވެސް އަމިއްލަ ރަށުގައި ދިރިއުޅެމުން އަންނަ ނަސްރަތަށް ރަށުގެ ހާލަތު ރަނގަޅަށް އެނގެއެވެ. ރައްޔިތުންނާ އެކު އުޅެ ގިނަ ޕްލެޓްފޯމްތަކުގައި ރައްޔިތުންގެ ވާހަކަތައް އަޑުއަހާނެ ފުރުސަތު ލިބިފައިވުމުން ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން އަދި އެކަންތައްތައް ކުރެވޭނެ އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ވެސް އެނގޭމެއެވެ.

 

އަދާކުރަން ޖެހުނު ވަޒީފާއާއި މަސައްކަތް ކުރަން ޖެހުނު ދާއިރާގެ ގޮތުން ފާޅުގައި ސިޔާސީ ކަންތައްތަކުގައި މަސައްކަތް ކުރުމަށް މިހާތަނަށް ފުރުސަތު ލިބިފައި ނެތް ނަމަވެސް ނަސްރަތު އަކއެމްޑީޕީގެ މެމްބަރެކެވެ. އެ ޕާޓީގެ ސަޕޯޓަރެކެވެ.

“ރާއްޖޭގައި ސިޔާސީ ޕާޓީތައް ފެށިގެން އައިއިރު އެންމެ ކުރިން ސޮއި ކުރީ އަދާލަތަށް. އެކަމަކު ފަހުން އެމްޑީޕީއަށް ސޮއިކޮށް އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރީ. ފިކުރަކީވެސް އެމްޑީޕީގެ ފިކުރު. އަދާކުރާ ވަޒީފާގެ ގޮތުން ޕާޓީގެ އިސް ސަފުގައި ހަރަކާތް ތެރިވުމަށް އޮތީ އުޒުރުވެރިވެފައި. ނަމަވެސް މިހާރު އެއްވެސް ހުރަހެއް ނެތް. ހުރިހާ ވަގުތެއް ޕާޓީއަށް ހުސްކޮށް ދެވޭނެ. އިންތިޚާބަށް ފޯމު ލުމުން އެނގުނީ ކޮންމެ ވެސް ބަޔަކު އޮތީ ޖުމުހޫރީ ޕާޓީއަށް އަޅުގަނޑުގެ ނަން ޖަހާފައި ކަންވެސް. އެއީ ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް. ކޮން ބަޔަކު ކުރި ކަމެއް ކަމެއް ނުވެސް އެނގޭ. މިހާރަކަށް އައިސް ސިޔާސީ ޕާޓީތަކުން މީހުންނަށް ނޭނގި އެމީހުން ޕާޓީތަކުގެ މެމްބަރުންނަށް ހަދާފައި އެބަހުރި. އެކަހަލަ ކަމެއްހެން ބޮޑަށް ހީވަނީ” ނަސްރަތު އަކީ އަސްލު އެމްޑީޕީގެ މެމްބަރެއް ނޫންކަމަށް ދެކެވޭ ވާހަކައާއި ގުޅޭ ގޮތުން ނަސްރަތު ބުނެދިނެވެ.

ހުރިހާ އުމުރެއްގެ ހުރިހާ ފެންވަރެއްގެ މީހުންނާ ގުޅޭ ނަސްރަތު ބުނި ގޮތުގައި ކޮންމެ ދާއިރާއެއްގައި ކޮންމެ މަގާމެއްގައި މަސައްކަތް ކުރިކަމުގައި ވިޔަސް އަބަދުވެސް ބަލަނީ އެންމެންނަކީ ހަމަހަމަ ބައެއްގެ ގޮތުގައެވެ. ދޭންވާ ޚިދުމަތެއް ދެނީ ވެސް އެގޮތަށް ކަމަށެވެ. ވަޒީފާގެ ގޮތުން ނުވަތަ މަގާމުގެ ގޮތުން ބައްދަލު ނުކުރެވޭނެ މީހެއް ނުހުންނާނެ ކަމަށާއި އެންމެ ނިކަމެތި މީހާގެ އިހްސާސްތައް ވެސް އެނގޭނެ ކަމަށް ނަސްރަތު ބުންޏެވެ. ނަސްރަތު ބޭނުންވަނީ ރައްޔިތުންގެ ލޯބި ލިބިގެން ރައްޔިތުންނާ އެކު މަސައްކަތް ކުރުމަށް ކަމަށެވެ!

 

 

8 ކޮމެންޓް
ދޮންދީނާ އެޑި ބިހާ
ޖެނުއަރީ 23, 2020
މޕ ހޮވާއް ފައިލާ ހިފަގެން ޑޯ2ޑޯ ޖައްސާއް ނިޔޭފެހޭ މޕ ގެ ރުހުން ނިލިބޭހެއް
ޚދ
ޖެނުއަރީ 22, 2020
ވަރަށް ރަނގަޅާށް ނަސްރަތު އަކީ ކަންކާކަން އެނގިގެން މިބެނަނީ، ވަރަށް ހިންގުންތެރި؛ ހިތްހެއު، އެންމެންނާއި އަސް ގުޅިގެން މަސައްކަތް ކޮށްފެއިހިށި، ކެރާނެ މީހަށް. ފުރިހަމަ ކާމިޔާބީ އަށް އެދެން.
މަންދީ
ޖެނުއަރީ 22, 2020
މި އާޓިކަލް ކޭފެއި ވަރަށް އުފާވެގެ. ކޮންމި ކަމަކަށް ކުރިމަތި ލިޔަސް އަފިރިން ތިބޭށުމާ ހިތްވަރަ ދޭއް.
ޒީނާ
ޖެނުއަރީ 22, 2020
ވަރަށް ފުރިހަމަ ލިޔުންކޮޅެއް. ލާމަސީލު ހިތްހެޔޮ ކަނބަލެއް. އަޅުގަނޑުގެ ހުރިހާ ދަރިންވެސް ޕްރީސްކޫލް ތަޢުލީމު ޙާސިލު ކުރީ މެދުވަލު ސްކޫލުން. އަޅުގަނޑަށް ދިމާވި ދަތިތަކެއްގެ ސަބަބުން ސްކޫލް ފީ ނުދެއްކި ގިނަ ދުވަސްތަކެއް ވި ކަމުގައި ވިޔަސް ނަސްރަތު ވަނީ އަޅުގަނޑުގެ ހާލަތު ރަނގަޅަށް އަޑު އައްސަވައި ވަރަށް ގިނަ އެހީ ތަކެެއް ސްކޫލްގެ ފަރާތުން ވެދެއްވާފައި. ދަރީންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވުނީ ހަމަ ނަސްރަތު ވެ ދެއްވި އެހީގެ ސަބަބުން. އަޅުގަނޑުގެ ޢާއިލީ މީހުންނާއި ދަންނަ ހުރިހާ މީހުންގެ ވޯޓު ހޯދަދޭން މަސައްކަތް ކުރާން.
ހަސަން
ޖެނުއަރީ 22, 2020
ވަރަށް އުފާވެގެ ނަސްރަތު ކަހަލެއި ހިންގުންތެރި ކިޔަވަގެން ހިށި ޙުލްޤު ރަނގަޅަ މީހަކާ ކައުންސިލައް ކުރިމަތި ލީމެއި
ފދސފ
ޖެނުއަރީ 22, 2020
ރަނގަޅު ވާހަކައެއް. ވިސްނަން ޖެހޭ ވޯޓު ދިނުމުގެ ކުރިން. ތައުލީމި ރަނގަޅު މީހުން އިސްކުރަން ޖެހޭ. ސިޔާސީ ގޮތުން ހޮވޭ ފަރާތްތަކަކީ ވަކި ބައެއްގެ ހިމާޔަތުގައި ތިބޭ ބަޔަކަށް ރައްޔިތުންނަށް ކޮށޤދެވޭނެ ކަމެއް ނެތް ކަން ދަންނަން ވެއްޖެ،
ސބރ
ޖެނުއަރީ 22, 2020
އަސްލު އައްޑޫ މީހާ މީ
އަލީ
ޖެނުއަރީ 22, 2020
ނަސްރަތު އަކީ އައްޑޫ ގިނަ ރައްޔިތުންގެ ލޯބި ލިބިފައިވާ ހީވާގި ކަނބަލައް. އަދި ގިނަގުނަ ޙިދުމަތްތައް އައްޑޫއަށް ކޮއްދީފި. ނަސްރަތުގެ ފިރިމީހާ އަލްއުސްތާޒު އަބްދުލް ރަޝީދު ސާރ އަކީ ކީރިތި ޤުރްއާން ހިތުން ދަސްކޮއްދީފައިވާ މުދައްރިސެއް. އަޅުގަނޑުގެ ވޯޓު ދެވަނަ މީހަކަށް ދޭނެ އެއްވެސް ގޮތެއްނެތް.