English Edition
Dhivehi Edition

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް 440 މީހަކަށް ޖެހި 9 މީހުން މިހާތަނަށް މަރުވެފައިވާކަމަށް ޗައިނާގެ ސިއްޙަތާއި ބެހޭ އޮތޯރިޓީތަކުން މައުލޫމާތު ދީފިއެވެ.

ޗައިނާގެ ޤައުމީ ސިއްޙަތާއި ބެހޭ ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ ކޭސްތަކެއް ފެނިފައި ވަނީ މި ބަލި ފުރަތަމަވެސް ފެނުނު ވުހާން ސިޓީއިން ކަމަށެވެ. އޭނާ ބުނީ ޖަޕާނާއި ސައުތު ކޮރެއާއިން،މިއިން ކޮންމެ ޤައުމަކުން މިބަލީގެ 1 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި ތައިލޭންޑުން މި ބަލީގެ 3 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޔޫއެސް އާއި ޓައިވާނުންވެސް ވަނީ މި ބަލީގެ 2 ކޭސް ރިޕޯޓުކޮށްފައި ކަމަށް ޗައިނާގެ ޤައުމީ ސިއްޙަތާއި ބެހޭ ކޮމިޝަނުން މައުލޫމާތު ދެއެވެ. އެފަރާތުން ބުނަނީ އެންމެ ކަންބޮޑުވަނީ މި ބަލި އަވަސްކަމާއި އެކީ ފެތުރޭތީ ކަމަށެވެ. ޗައިނާގައި މި ބަލި ފެތުރެމުންދާ މި ދަނޑިވަޅަކީ އެ ޤައުމުގެ އާ އަހަރާއި ދިމާކޮށް ރައްޔިތުން އެކި ޤައުމުތަކަށް ދަތުރުކުރާ ދުވަސްކޮޅެވެ.

އެޤައުމުގެ ސިއްޙަތާއި ބެހޭ އޮފިޝަލުން ބުނަނީ މި ބައްޔާއި ކުރީގައި އެ ޤައުމުގައި ފެތުރުނު ސާސް ނުވަތަ މާސް ވައިރަސް އާއި އަޅައިކިޔަން މާ އަވަސް ކަމަށެވެ.

ޗައިނާ އަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ޤައުމެވެ.