English Edition
Dhivehi Edition

މަޢުލޫމާތު ނުދިންކަމަށް ބުނެ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް އައްޑޫ ސިޓީ އަށް ނިސްބަތްވާ މީޑިއާ އަކުން ހަބަރު ފަތުރާފައިވާތީ އެކަމާއި އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރަމުން ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް 16 ފޯމެއް އައްޑޫ ސިޓީއަށް ނިސްބަތްވާ މީޑިއާއެއް ކަމަށްވާ އައްޑޫލައިވް އިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި ފޯމުތަކުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ދިރާސާކޮށްގެން އެކަމަށް އެތަކެއް ވަގުތުތަކެއް ހޭދަކޮށް ދެވެންހުރި މަޢުލޫމާތުތަށް ކަމުގައިވާތީ 16 ފޯމުގެ ތެރެއިން 3 ފޯމެއް ފިޔަވައި ދެންހުރި ފޯމުތަކަށް ޖަވާބުދިނުމަށް އިތުރަށް 14 ދުވަސް ބޭނުންވާކަން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އެ ނޫހަށް އަންގާފައިވާނެކަމަށެވެ. ކައުންސިލްގެ މި ހިނގަމުންދާ ދައުރުގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން ގާތްގަޑަކަށް 800 އެއްހާ ނިންމުންތައް ބަލައި ދިރާސާކުރުމަށް ޤާނޫނުގައިވާ ގޮތުގެމަތިން އެ ނޫހަށް އަށް ފުރުޞަތުދެވިފައިވީ ނަމަވެސް މިހާތަނަށް އޭގެ ބޭނުން ހިފާފައިނުވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލްގެ މުވައްޒަފަކާއި ހަވާލާދީކަމަށް ބުނެ ކައުންސިލްގައި ޔައުމިއްޔާތައް ނެތްކަމަށް، އެ ނޫހުގައި ލިޔެފައިވާ ލިޔުމަކީ ޙަޤީޤަތާއި ޚިލާފުވާހަކައެއްކަމަށް ކައުންސިލުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ނޫހުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި 2011 އިން ފެށިގެން ހުރި ކައުންސިލްގެ ޔައުމިއްޔާތަކާއި ލިޔެކިޔުން ހިމެނެނޭކަމަށް ކައުންސިލުންވަނީ ބުނެފައެވެ. އަދި މި ލިޔެކިޔުންތަކަކީ އެތަކެއް ހާސް ލިޔެކިޔުންތަކެއް ކަމުގައިވާތީ މިހުރިހާ ލިޔެކިޔުންތައް ހޯދައި އެފަރާތަށް ދިނުމާއިމެދު ގޮތެއް ނިންމުމަށް ޤާނޫނުގައިވާ ގޮތުގެމަތިން އިތުރު މުއްދަތެއް ހޯދުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވާކަމަށް ކައުންސިލުންވަނީ ބުނެފައެވެ.އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަކީ ރައްޔިތުންނަށް އެތަކެއް ހިދުމަތެއް ދެމުންގެންދާ ރައްޔިތުންނާ ގުޅުންހުރި އެތަކެއް މަސައްކަތެއް ކުރަމުންދާ އިދާރާއެއް ކަން ފާހަގަކުރަމުން ކައުންސިލުން ބުނީ ހުރިހާ ކަންކަން މަޑުޖައްސާލާފައި “ވަގުތުން ވަގުތަށް”އެ ނޫހުން ހުށަހަޅާފައިވާ މަޢުލޫމާތު ހޯދާންއެދޭ ފޯމުތަކަށް ޖަވާބުދިނުމަށް ޤާނޫނީގޮތުން ތަނެއް ނުދޭކަމަށެވެ.

މަޢުލޫމާތު ދިނުމަށް 14 (ސާދަ) ދުވަސް އިތުރުކޮށްފައިވަނީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ލިބިގެންވާ ހައްޤުގެ ދާއިރާގެ ތެރެއިންކަމަށް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. “ކަންމިހެންހުރި ހިނދު، މަޢުލޫމާތު ނުދިންކަމަށް ބުނެ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ޚަބަރު ފަތުރާފައިވާތީ އައްޑޫ ސިޓީ ކައުންސިލުން މިކަމާއި ނުހަނު ކަންބޮޑުވެ ހިތާމާކުރަން” ކައުންސިލްގެ ބަޔާނުގައިވަނީ ބުނެފައެވެ.