English Edition
Dhivehi Edition

ކޯޓުތަކުގެ މައްސަލަތައް ލަސްވާނަމަ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީ އިން ފިޔަވަޅު އަޅަނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ސަބަބެއް ނެތި މައްސަލަތައް ކުރިޔަށް ނުގެންދާ ފަނޑިޔާރުންނާއި މެދުގައި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، މިހާތަނަށް ޖުޑިޝަލް ސާރވިސް ކޮމިޝަނަށް އެންމެ ގިނައިން ލިބިފައިވާ ޝަކުވާއަކީ ނުވަތަ މައްސަލައަކީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް 200 އެއްހާ ޝަކުވާ އެ ކޮމިޝަނަށް ލިިބިފައިވާ ކަމަށެވެ.

މަސްތޫރު ވިދާޅުވީ ދެތިން އަހަރުވަންދެން ޝަރީއަތް ނުނިމި ޖަލުގައި ބައެއް މީހުން އޮންނަން ޖެހޭކަމާއި އަދި އެކަންކަމަކީ ހައްލެއް ގެންނަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތޫރު އިތުރަށް ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދަޔާ ޙިލާފަށް ލަސްވަމުންދާނަމަ މައްސަލަ ލަސްވަމުންދާ ކަމުގެ ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.