English Edition
Dhivehi Edition

ކޮންމެ ތަނެއްގެވެސް ތަރައްޤީ އާއި ކުރިއެރުން ބިނާވެގެންވަނީ އެ ތަނެއްގައި ދިރިއުޅޭ މީހުން އެކަމަށްޓަކައި ކުރާ ބުރަ މަސައްކަތުގެ މައްޗަށްކަން ޔަގީނެވެ.އެ ތަނެއްގެ ޒުވާނުން އެ ތަނުގެ ހާލަތު ބަދަލުކޮށްލުމަށްކުރާ އުއްމީދުތަކާއެކު އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މުޅި މުޖްތަމައާއި ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމީ ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް އެޅިގެންދާ ވަރަށް ރަގަޅު ބިންގަލެއްކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އައްޑޫ ސިޓީ ހުޅުދޫ އަށް އުފަން ހުސައިން ފައިޒުއް ރަހްމާން(ފައިޒް) އަކީ ފާހަގަކޮށްލެވޭ މިފަދަ ޝަޚްސިއްޔަތެކެވެ. އެންމެ ތުއްތު އިރުން ފެށިގެން ރަށަށްޓަކައި ފޮނި ހުވަފެންތަކެއް ދެކެމުން އަންނަ މިހާރު ރަށުގެ ކުރިއެރުމަށް ގިނަ މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އެހެންބޭފުޅުންނަށް ނަމޫނާ ބޭފުޅެކެވެ. ސ.އަތޮޅު މަދަރުސާގެ ކެޕްޓަންކަމުގެ މަގާމާއެކު 2005 ވަނަ އަހަރު ފައިޒް އޯލެވެލް ނިންމާލީ ބެސްޓް އޯލް ރައުންޑްގެ ގޮތުގައެވެ. މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި މާލެ ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭރުވެސް ފައިޒް އިސްކަންދިނީ ރަށާ ވީހާވެސް ކައިރިން ތައުލީމު ހާސިލްކުރެވޭނެ ގޮތެއް ހޯދުމަށެވެ. ސ.ހިތަދޫ މުހިއްބުއްދީން ސްކޫލް ފައިޒް އިހްތިޔާރުކުރީ ލިބޭ ޗުއްޓީތަކުގައިވެސް ރަށުގެ ހިތްގައިމު މާހައުލުގައި ރައްޓެހިންނާއެކު ހޭދަކުރުމުގެ މަގުސަދުގައެވެ. ފައިޒްގެ ތައުލީމީ ހަޔާތުގެ ކާމިޔާބީ ތަކާއެކު އިތުރަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އޮތް ނަމަވެސް ފައިޒް ބޭނުންވީ ރަށަށް ހިދުމަތެއްކޮށް ދިނުމަށެވެ.

ބޭން އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ ކައުންޓަރ މުއައްޒަފެއްގެ މަގާމަށް ފައިޒް ކުރިމަތިލީ އެއަށްވުރެ ރަނގަޅު ފުރުސަތުތަކެއް ނުލިބިގެންނެއް ނޫނެވެ.އެހެންނަމަވެސް ރަށުގައި ވަޒީފާ އަދާކޮށްގެން ރަށުގެ ކަންކަމުގައި ބައިވެރިވެ ރަށުގެ ހާލަތު ބަދަލުކުރުމަށް ހިތުގައި އުފެދިފައިވާ ޝައުގެއްގެ ބޮޑު ކަމުންނެވެ. ބޭންކް އޮފް މޯލްޑިވްސްގައި ހޭދަވި 8 އަހަރު ދުވަހުގެ ތެރޭގައި ކައުންޓަރ ސްޓާފެއްގެ މަސައްކަތުން ފެށިގެން ލޯނު އޮފިސަރެއްގެ މަގާމު އަދާކުރި އިރުވެސް ފައިޒް މަސައްކަތްކޮށްފައިވަނީ ވިހާވެސް ކައިރިން ފައިޒްއަށް އެގިހުރި މައުލޫމާތެއް ފޯރުކޮށްދިނުމާއެކު އަނެކަކާގެ މުހުތާދުތައްވެސް ފުއްދާދެވޭތޯއެވެ. ބޭންކުގައި ހޭދަވި 8 އަހަރަށް ފަހު ފައިޒް އެ ވަޒީފާ ދޫކޮށްލީ އިތުރަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހޯދައި އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ބޭނުމުގައެވެ.

“ބޭންކުން ކެނޑިގެން ވެމްކޯގެ ޑިއުޓީ އޮފިސަރަކަށް ދިޔައީ. އޭރު ބޭނުންވީ ބޭންކަށްވުރެ މުސާރަ ކުޑަ ވިޔަސް އިތުރަށް ކިޔެވުމަށް ވަގުތު ދެވޭ ކަހަލަ ވަޒީފާއެއް އަދާކުރަން. “މިހާރު އައްޑޫ ސިޓީ މީދޫގައި ހިންގާ އެވިޑްކޮލެޖް އިން ޝަރިއްޔާ އެންޑް ލޯ ކިޔަވަމުންދާ ފައިޒް ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުންޏެވެ. އަބަދުވެސް ތައުލީމަށް ބޮޑު އިސްކަމެއްދިން ފައިޒްއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ރަށުގައި ހުރެގެން އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބުންކަމުގައި ފައިޒް ބުންޏެވެ.

“އެއްވެސް ދުވަހަކު ބޭނުމެއް ނުވޭ ރަށްދޫކޮށްލާފަ ދާން. ރަށުން މަތީ ތައުލީމު ހާސިލްކުރަންވެސް ބޭނުންވީ.މިހާރު ރަށުގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް.” ފައިޒް ބުންޏެވެ. މިހާރު ވެމްކޯ ހުޅުމީދޫ ބްރާންޗްގެ އޮޕަރޭޝަން ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން ދާ ފައިޒް އެންމެ ބޮޑު އިސްކަމެއްދޭއެއްކަމަކީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފެންވަރު ރަގަޅު ހިދުމަތެއް ދިނުން ކަމުގައި ފައިޒްވަނީ ބުނެފައެވެ.

ރަށުގައި ހިންގާ އިޖްތިމާއީ އެކިއެކި ކަންކަމުގައިވެސް އިސްކޮށް ހަރަކާތްތެރިވާ ފައިޒް އަކީ މިހާރުވެސް ތިމާވެށީގެ ކަންކަމުގައި ހުޅުދޫގައި ހިންގާ އިންވަޔަރަމެންޓް ޕްރޮޓެކްޝަން މޫވްމެންޓްގެ ޗެއާރޕާސަންއެވެ. މީގެ އިތުރުން ހުޅުދޫ ތިން ޖަމްމިއްޔާއެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފައިޒްއަށް ލިބިފައިވާއިރު ފައިޒްގެ އިޖްތިމާއީ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫ ޔޫތް ސެންޓަރުގެ މަސައްކަތާއި އެމްއީސީ ވޮލީބޯޅަ މުބާރާތުން ހުޅުދޫ ޓީމަށް ޗެމްޕިއަންކަން ލިބުން ފާހަގަކުރީ އުފަލާއެކުގައެވެ. ރަށުގެ އެކިއެކި ޖަމްމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތުގައި މިހާރުވެސް ބޮޑު އެހީތެރިކަމެއް ވެދެމުން އަންނަ ފައިޒްގެ ބައިވެރިވުމާއި ނުލާ ހުޅުދޫގައި އިޖްތިމާއީ މަސައްކަތެއް ކުރިއަށް ނުދާ ވާހަކަ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން ފައިޒްވަނީ އެމްއާރްސީގެ ޔުނިޓް ލީޑަރެއްގެ ގޮތުގައިވެސް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ފައިޒްގެ ސިޔާސީ މަސައްކަތް ފެށިގެން ދިޔައީ 2014 ވަނަ އަހަރު އެމްޑީޕީ އަށް ސޮއިކުރި ހިސާބުންނެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސާމިއު އަންވަރުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ފައިޒް އޭރުވެސް ގަބޫލުކުރީ ރަށަށް ހެޔޮ ބަދަލުތަކެއް އަންނާނީ ޒުވާނުންނަށް ފުރުސަތު ލިބިގެން ކަމުގައެވެ. ފައިޒް ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ރަށުގެ އެކިއެކި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައެވެ.

2018 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފައިޒު ފެނިގެންދިޔައީ މުޅި އައްޑޫ ސިޓީ އިން ވެސް އެންމެ ވާދަވެރި ގޮނޑި ކަމުގައި ބެލެވުނު ހުޅުދޫ ގޮނޑި އަށް އެމް.ޑީ.ޕީ ކެންޑިޑޭޓް އިލްޔާސް ލަބީބް ގެނައުމަށް އަތުކުރި އޮޅާލިތަނެވެ. އިލްޔާސް ލަބީބް ގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުން އެންމެ އިސްކޮށް ހުޅުދޫގައި މަސައްކަތް ކުރަމުން ދިޔައީ ފައިޒު އެވެ. މިގޮތުން އެމް.ޑީ.ޕީ އަށް ހުޅުދޫ ގޮނޑި ކަށަވަރު ކޮށްދިނުމަށް ޓަކައި ފައިޒު ކުރިމަސައްކަތް ފެނިގެން ދިޔައީ ނަމޫނާ މަސައްކަތް ތަކެއް ގޮތުގައެވެ. ކެމްޕެއިން ދުވަސްވަރު ފައިޒްގެ ބެލުމުގެ ދަށުން އެމްޑީޕީ މީހުންނާއެކު ގުޅިގެން، ކެމްޕެއިންގެ ހުރިހާކަމެއް ރޭވުންތެރިކަމާއެކު ހިންގާ ކުރިއަށް ގެންދިއުމަކީ އިލްޔާސް ލަބީބަށް ލިބުނު ކާމިޔާބީގެ ސިއްރުކަމާއި މެދު ޝައްކެތްނެތެވެ.

ތައުލީމާއި، ތަޖުރިބާއާއި އެކު މިއަދު ފައިޒް އައްޑޫ ސިޓީ ހުޅުދޫ ކައުންސިލްކަމަށް ޝައުޤުވެރިކަންފާޅުކޮށް އެކަމަށް މަސައްކަތް ފަށާފައި މިވަނީ އެންމެ ކުޑައިރުއްސުރެ ރަށާއި މެދު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ފައިޒު ފާހަގަ ކުރި ގޮތުގައި ހުޅުދޫގެ ހާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. މިގޮތުން މާތް ﷲ ގެ އިރާދަފުޅާއި އެކު ކައުންސިލަރަކަށް އާދެވިއްޖެނަމަ ފައިޒުގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ތަސައްވުރެއް އެކުލަވައި ހުޅުދޫ މާސްޓަރ ޕްލޭނެއް އެކުލަވާ ލުމެވެ.

“ރަށުގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި. އަބަދުވެސް ބޭނުންވަނީ ރަށުން ރަގަޅު ހިދުމަތްތަކެއް ލިބި ރަށް ތަރައްޤީވެ މާލޭގައި ދިރިއުޅޭ ރަށުގެ ރައްޔިތުން ރަށުގައި ދިރިއުޅެން.ހުޅުދޫ އަކީ ހުރިހާ ރޮނގަކުން ބެލިނަމަވެސް ގާބިލު މީހުން އުފެދިފައިވާ ރަށެށް. އެމީހުންނަށް ބޭނުންވަނީ މިތަނަށް އިންވެސްޓްކޮށް ތަރައްޤީކުރާނެ ރަގަޅު ޕްލޭނަކާއެކު ފުރުސަތުތަކެއް.” ފައިޒް ބުންޏެވެ. ފައިޒް ބުނީ އޭނާ ސިޓީ ކައުންސިލަށް ކުރިމަތިލި އެންމެ ބޮޑު އެއް މަގުސަދަކީ އަބަދުވެސް ރަށުގައި ދިރިއުޅޭ މީހެއްގެ ހައިސިއްޔަތުން ރަށުގެ ހާލަތު ރަނގަޅަށް އެގި އެކަންކަން ބަދަލުކޮށްލުމުގެ ވަރުގަދަ އަޒުމުކަމަށެވެ.

“އަޅުގަނޑަކީ އަބަދުވެސް ރަށުގައި ދިރިއުޅެމުން އަންނަ ރަށުގެ ހާލަތު ރަގަޅަށް އެނގޭ މީހެއް. އަޅުގަނޑަކީ މަންމަ، އަނބިމީހާ، ދަރިފުޅު ބަލިވެގެން ރަށު ސިއްހީ މަރުކަޒުން އެކަށީގެން ވާ ފަރުވާ ނުލިބި އުފުލާ ވޭނާއި ތަކްލީފް ތަހައްމަލްކުރާ މީހާ. އިންސާނުންގެ އިހްސާސްތައް ބިނާވެގެންވަނީ އެމީހާ ކުރާ ތަޖުރިބާގެ މައްޗަށްކަމުގައިވާއިރު މި އިހްސާސްތައް އެންމެ ބޮޑަށް ތަހައްމަލުކުރާ އެކަކީ އަޅުގަނޑު.ދަރިއެއްގެ ގޮތުގައި ފިރިއެއްގެ ގޮތުގައި އަދި ބައްޕައެއްގެ ގޮތުންނާއި އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ކުރެވުނު ތަޖުރިބާތަކާއެކު މިކަންކަން ބަދަލުކޮށް ރަގަޅު ހިދުމަތްތަކެއް ލިބިގެން ދިއުމަށް އަޅުގަނޑު ބޭނުންވޭ” ފައިޒް ބުންޏެވެ، ފައިޒް ބުނީ ކައުންސިލް އިންތިހާބުގައި ކާމިޔާބީ އާއި ހަމައަށް ވާސިލްނުވެވިއްޖެ ނަމަވެސް ހިތްވަރު ދޫނުކޮށް އަބަދުވެސް އޭނާގެ މިންވަރުން ރަށަށް ކޮށްދެވުނު ކޮންމެ ކަމެއް ކޮށްދޭނެކަމަށެވެ.

ފައިޒް ބުނީ ހުޅުދޫ ރައްޔިތުންގެ އިތުބާރާ އެކު ކައުންސިލް އިންތިހާބު ކާމިޔާބުކުރެވުނު ނަމަވެސް ދުވަހަކުވެސް ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން އެއްވެސް ކަމެއް އިސްނުކުރާނެކަމަށެވެ.

“އެންމެ މީހެއްގެ މަސްލަހަތަށްވުރެ އަބަދުވެސް އިސްކަންދޭނީ ގިނަ މީހުންގެ މަސްލަހަތަށް ބަލައިގެން ކަންކަން ކުރުމަށް. ބޭންކުގައި ކުރި މަސައްކަތުން ލިބުނު ތަޖުރިބާއާއި އެކު ކައުންސިލް ބަޖެޓް ހެދި އެކްޝަން ޕްލޭންތައް ތައްޔާރުކުރުމުގެ ކުރިން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންނަށް އެންމެ ބޭނުންވާ ކަންތައްތައް އޮޅުން ފިލުވާނަން. ބޭނުންވަނީ އަންހެނުންނާއި ފިރިހެނުން މުސްކުޅިންނާއި ޒުވާނުންގެ އަދި ރަށުގެ ހުރިހާ ރައްޔިތުންގެ ހިޔާލާއެކު ކުރިއަށްދާން”އެ ފަންނަކާ ގުޅޭ މީހުންގެ މަޝްވަރާއާއި ހިޔާލާއެކު އެ ފެންނެއް ކުރިއެރުވޭނެ ކަމަށް ގަބޫލުކުރާ ފައިޒް ބުންޏެވެ.

” މިހާރުވެސް އަޅުގަނޑު މި އަންނަނީ ލާމަރުކަޒީ ޤާނޫނަށް މިއައި ބަދަލު ދިރަސާ ކުރަމުން. މި ގެނެވުނު ހެޔޮ ބަދަލުތަކާއި އެކު ރައްޔިތުމީހާ އަށް އެންމެ ރަނގަޅަށް އެންމެ ގާތުން ޚިދުމަތް ފޯރުކޮށް ދެވޭނެ ގޮތްތައް ބަލަމުން. މިހާރުވެސް ޝަރީއާ އެންޑް ލޯ ކިޔަވާ ދަރުވަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދިވެހިރާއްޖޭގެ ޤާނޫން އާސާސީއަށް ވަރަށް ބޮޑަށް އަހުލުވެރިވަމުން މިދަނީ. ހަގީގަތުގައި މިފަދަ މަގާމަކަށް ކުރިމަތިލާއިރު ދިވެހި ޤާނޫން އަސާސީ އާއި ލާމަރުކަޒީ ގާނޫންވެސް ކޮންމެވެސް ވަރަކަށް އެގެންޖެހޭ” ކުރިއަށް އޮތް އަހަރު ޝަރީއާ އެންޑް ލޯ އިން ޑިޕްލޯމާ ހާސިލްކުރެވިގެންދާނެކަމުގެ އުއްމީދާއެކު ފައިޒް ބުންޏެވެ. ފައިޒް އަބަދުވެސް ބޭނުންވަނީ ރަށުގައި ހުރެގެން ރަށުގެ ރައްޔިތުންނާއި ވިހާވެސް ގާތުން ހިދުމަތް ދިނުމަށެވެ. އެހެންކަމުން އަބަދުވެސް ދެ ފުށްފެންނަ ގޮތަށް ހުރިހާކަމެއް ކުރިއަށް ގެންދިއުމަކީ ފައިޒްގެ އެންމެ ބޮޑު އަޒުމެވެ.

“އަޅުގަނޑު ވަޒީފާގެ ދާއިރާގައި ހޭދަވީ މުއްދަތުގައިވެސް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނީ ހެޔޮ ނިޔަތާއެކު ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް” އަބަދުވެސް ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލުމުގައި ފާހަގަ ކޮށްލެވޭ ފައިޒް ބުންޏެވެ.

ފައިޒް ގަބޫލުކުރާ ގޮތުގައި ކޮންމެ އިންސާނެއްގެވެސް ގަދަރާއި އިއްޒަތް ބިނާވެގެންވަނީ އެމީހެއްގެ އަޚުލާގުގެ މައްޗަށެވެ.

” އަޅުގަނޑު ގަބޫލުކުރަނީ އިންސާނުންގެ ރީތިކަމަކީ ރީތި އަހްލާޤްކަމަށް. ހަމަ ޔަގީނުންވެސް އަޅުގަނޑަކީ އަބަދުވެސް އުޅޭ އުޅުމުގައިވެސް ސޯޝަލްމީޑިއާގައިވެސް އަހްލާގީ މިންގަނޑު ހިފެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއްދޭ މީހެއް. މިފަދަ މަގާމަކަށް ކުރިމަތިލުމުން ނުވަތަ އިންތިހާބުވުމުން ފާޑުކިޔުންތައްވެސް އަމާޒުވާނެ. އެހެނަނަމަވެސް އެކަމާ ކުރިމަތިލާންޖެހޭނީ ހިތްތިރިކަމާއެކު. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ހިދުމަތެއްކުރަން. އެ ހިދުމަތްތައް ރަގަޅަށް ނުދެވޭނަމަ ރައްޔިތުން ފާޑުކިޔާނެ. އެކަން ގަބޫލުކުރަންޖެހޭނެ. އެކަމަށް ރައްދުދީ ރައްޔިތުންނަށް ނިސްބަތްކޮށް ބަސް ބުނުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން”ފައިޒް ބުންޏެވެ.

ފައިޒް ގަބޫލުކުރާ ގޮތުގައި ސިޓީގެ ވަކިން އޮތް ހުޅުދޫ މީދޫއަށް ހެޔޮ ބަދަލުތަކެއް އަންނާނީ ދެ ރަށުގެ ކައުންސިލަރުންވެސް އެކެއްޗެއް ކިޔައިގެން ކުރާ މަސައްކަތުންނެވެ.

“މި ދެރަށް އެއްކޮށް ތަރައްޤީވެގެން ނޫނީ އެދެވޭ ބަދަލުތަކެއް ނުފެންނާނެ. އެހެންކަމުން ދެ ރަށު ކައުންސިލަރުން އެއްބައިވެގެން އެހެން ކައުންސިލަރުންނާއެކު ކުރާ މަސައްކަތުން މި ދެރަށަށް އެކަމުގެ ހެޔޮ ބަދަލު އަންނާނީ”ފައިޒް ބުންޏެވެ.

އަބަދުވެސް ރަށާއި މެދު ފޮނި ހުވަފެންތަކެއް ދެކެމުން އަންނަ ފައިޒް ބުނީ އޭނާއަށް ވޯޓު ދިނުމަށްފަހު ހުޅުދޫ ރައްޔިތުން ދުވަހަކުވެސް އެކަމާއި ދެރަވެ ހިތާމަކުރަން ނުޖެހޭނެކަމުގައ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ.

“މީހުން ބިނާ ކުރުމާއި ޒުވާނުންނަށް ފުރުސަތު ތައް ހުޅުވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ވަރަށް މުހިއްމު ކަމެއް. އަބަދު އެކަކު އެއް މަގާމެއްގައި މެދު ނުކެނޑި ހުރުމަކީ ޑިމޮކްރެސީ އާއި ބީރަށްޓެހި ގޮތެއް.” ފައިޒް ބުންޏެވެ، މީގެ އިތުރުން ފައިޒް ބުނީ އެންމެންނަކީ ހުރިހާ ކަމެއް އެނގި ތަޖުރިބާކާރު މީހުންނަށް ނުވާނެ ކަމަށާއި އެކަމަކު އަބަދުވެސް ކޮންމެ މަސައްކަތެއް ކުރުމުގެ ކުރިން އެކަމުގެ ތަޖުރިބާ ކާރު މީހުންނާއި މަޝްވަރާކުރުމަކީ ތިމާއަށް އެ މަސައްކަތެއް ރަގަޅު ގޮތުގައި ކުރުމަށް ލިބިގެންދާ ތަޖުރިބާއެއް ކަމަށެވެ.

“އަޅުގަނޑު އެދެނީ ހުޅުދޫ އެމްޑީޕީ މެމްބަރުން ޕްރައިމަރީގައި އަޅުގަނޑަށް ވޯޓު ދެއްވުން. މާތް ﷲ އިރާދަ ފުޅާއި އެކު ހަމަ ޔަގީނުންވެސް އަޅުގަނޑު އިންތިހާބުވެއްޖެނަމަ ހުޅުދޫން ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ. އެކުވެރި އެއްބައިވަންތަ މުޖުތަމައެއް ބިނާ ވެގެންދިޔުން އެއީ އަޅުގަނޑު ގެ ހުވަފެނެއް. އެކަމަށް ގަދައަޅައި އަޅުގަނޑު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން” ފައިޒް ބުންޏެވެ.