English Edition
Dhivehi Edition

ހާއްސަ ހަފްލާތަކަށާއި، މީހުންގެ ތެރެއަށް ނިކުންނައިރު އަބަދުވެސް ރީތިކޮށް ތިބުމަކީ ދިވެހިން ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. ހާއްސަކޮށް އަންހެނުންނަކީ އަބަދުވެސް އެމީހުން ބައިވެރިވާ ހަފްލާތަކާއި ގުޅޭ ގޮތަށް ރީތިކޮށް ތިބުމަށް އިސްކަންދޭ ބައެކެވެ.އަންހެނުން އޮފީހަށް ދާއިރު ވަކި ކަހަލަ މޭކަޕެއް، ހަފްލާއަށްދާއިރު ވަކި ކަހަލަ މޭކަޕެއް ކޮށްލުމަށް އަބަދުވެސް ސަމާލުކަން ދޭއިރު ރައު އަކީ މިފަދަ ކަންކަމަށް ސަމާލުކަން ދޭ އަންހެނުންނަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ޒުވާނެކެވެ.

އައްޑޫ ސިޓީ މަރަދޫ މެމޯރީވިލާ އައިޝަތު ރައުފާ(ރައު) އަކީ އަބަދުވެސް އެހެން މީހުން މޭކަޕްކޮށް ދިނުމަށް ޝައުގުވެރިވާ ޒުވާނެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް މޭކަޕްކުރުމަކީ ރައު އެންމެ ކުރާ ހިތްވާ މަސައްކަތަށްވީ ނަމަވެސް ރަށުގައި ހުރެގެން އެކަން ދަސްކުރުމުގެ ފުރުސަތު ރައުއަކަށް ލިބިފައެއް ނެތެވެ. މީގެ ކުރިން ވީޑިއޯތައް ބަލައިގެން މޭކަޕްކުރަމުން އައި ރައުގެ ނަސީބު އަތުގައި ހިފީ އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އިން އައްޑޫ ސިޓީގައި ބޭއްވި ބޭސިކް ޓު އެޑްވާންސް މޭކަޕް އާޓިސްޓްރީ އެންޑް ހިޖާބް ސްޓައިލް ކޯހާއެކުގައެވެ.”ކުރިން އެއްވެސް ކޯހެއް ނަހަދަން. އެކަމަކު އޭރުވެސް ކޮންމެވެސް ވަރަކަށް އެނގޭ މޭކަޕް ކުރަން. ޝައުގުވެރިކަން ހުރިކަމެއްވީމަ ވަރަށް މޭކަޕް ޓިޕްސް ބަލަން.” އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ރައު ބުންޏެވެ.

ބޭސިކް ޓު އެޑްވާންސް މޭކަޕް އާޓިސްޓްރީ އެންޑް ހިޖާބް ސްޓައިލް ކޯހުގައި ބައިވެރިވެ ކޯސް ނިންމާލުމަށްފަހު ކޯހުން ދަސްވި އެއްޗެއްސާ އެކު ރައު ބޭނުންވީ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތްފަށާށެވެ. “ވިޔަފާރިއެއްގެ ގޮތުގަ މިކަން ފަށަން ހިތަށް އެރީ ޝައުގުވެރިވާކަމެއް ގޭގައި ހުރެގެން ފަސޭހައިން ކުރެވޭނެތީ”ރައު ބުންޏެވެ. ރައު ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ފެށިތާ އަދި އެހާ ގިނަދުވަސްވެފައި ނުވިޔަސް، ރައު ބުނީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް މޭކަޕްކުރުވަން އަންނަ މީހުން ގެ އަދަދު ނިސްބަތުން ރަގަޅުކަމަށެވެ. “އައްޑޫ އަށް ބަލާއިރު މިހާރުވެސް އެކިއެކި ހަފްލާތަކަށް މޭކަޕްކުރުވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުން. އެކަމަކު އަދި އައްޑޫގައި އެހާ ގިނައިން މޭކަޕް ކުރާ މީހުންނެއް ނެތް. އެހެންވީމަ މިއީ ހަމަ ވިޔަފާރިއެއްގެ ގޮތުގައި ކުރަން ރަގަޅު މަސައްކަތެއް”ރައު ބުންޏެވެ. މީގެ އިތުރުން ރައު ބުނީ ކޮންމެ ކަމަކީވެސް އެދެވޭ ރަގަޅު ގޮތުގައި ކުރާނަމަ ރަގަޅު މަސައްކަތެއް ކަމަށާއި އައްޑޫގައި މި މަސައްކަތްކޮށްގެންވެސް ރަގަޅު އާމްދަނީއެއް ހޯދިދާނެކަމަށެވެ.

މޭކަޕް ކުރުމުގައި ރައު އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ މުނާސަބަތަކާއި ގުޅޭ ގޮތަށް ހިދުމަތް ހޯދާ ފަރާތުން އެންމެ ހިތްހަމަޖެހޭ ގޮތަށް މޭކަޕް ކޮށްދިނުމަށްކަމަށް ރައުވަނީ ބުނެފައެވެ. ބްރޭންޑެޑް ރަގަޅު އެއްޗެހި ބޭނުންކުރުމަށް ހާއްސަ އިސްކަމެއް ދޭ ރައު ބުނީ މޭކަޕްކުރުމަށް ބޭނުންވާ ސާމާން ގެންނަނީ އޮންލައިންކޮށް ރާއްޖެއިން ބޭރުން ނުވަތަ ރައްޓެހިންނަށް ގުޅައިގެން މާލެއިން ކަމަށެވެ.

ދެކުދިން ބަލަމުން ވަޒީފާއަށް ދަމުންމޭކަޕްކޮށްދިނުމަށް ވަގުތު ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ނަމަވެސް އަބަދުވެސް އެ ކަމަށް ވަގުތު ހުސްކުރާކަމަށް ރައު ބުންޏެވެ. “އަސްލު މި މަސައްކަތް ފެށި އިރު ވަޒީފާއަކަށް ނުދަން. އެކަމަކު މިހާރު ވަޒީފާއަށް ދަމުން ދެކުދިން ބަލަމުން މިކަމަށް ވަގުތު ހޯދަން އުދަގޫ. އެހެންނަމަވެސް މީހަކު މޭކަޕެއް ކޮށްދިނުމަށް އެދިއްޖެ ނަމަ ހަމަ ކޮންމެ ގޮތެއް ހަދާފަވެސް އެކަމަށް ވަގުތު ހުސްކުރަން” ރައު ބުންޏެވެ.

ވިޔަފާރިއެއްގެ ގޮތުގައި މިކަން ފެށުމުގެ ކުރިންވެސް އާއިލާ އާއި އެކުވެރިންގެ ފަރާތުން މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިހާރުވެސް އެމީހުންގެ އެހީތެރިކަމާއި ތަރުހީބު ވަރަށް ބޮޑަށް ލިބޭ ކަމަށް ރައުވަނީ ބުނެފައެވެ. މީގެ އިތުރުން އައްޑޫގައި ތިބެގެން މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ރައު ބުނީ މި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކުން މިކަން ރަގަޅަށް ދަސްކޮށްގެން ކުރަންވީ ކަމަށާއި މިއީ އާމްދަނީ ހޯދަންވެސް ރަގަޅު މަސައްކަތެއް ކަމުގައެވެ.

ރައުގެ އެޕޮއިންޓްމެންޓެއް ބޭނުންވާ ފަރާތްތަކުން ރައުގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްލުމުން އެޕޮއިންޓްމެންޓް ލިބިގެންދާނެއެވެ.

https://www.facebook.com/pg/AishyRau/about/?ref=page_internal

‘އޭއޯ ނިއުސް’ އިން އެދެނީ ރައުގެ މަސައްކަތަށް އިތުރުކުރިއެރުމާއި ކާމިޔާބީއެވެ.