English Edition
Dhivehi Edition

ނައިބު ރައީސް ފައިޞަލް ނަސީމް މިހާރު ކުވެއިތަށް ކުރައްވާ ދަތުރުފުޅުގައި ކުވޭތުގެ ދެ ސްކޫލަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު ޒިޔާރަތް ކުރެއްވީ ކެމްބްރިޖް އިންގްލިޝް ސްކޫލު- މަންގަފް އާއި އުންމުލް ގުރާ ސްކޫލާއި އެ ސްކޫލުގެ ރިހިބިލިޓޭޝަން ސެންޓަރަށެވެ. ނައިބު ރައީސް މި ދެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލުތައް ބައްލަވާލެއްވުމުގެ އިތުރުން އެތަންތަނުގައި ބޭނުންކުރާ ވަޞީލަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.

ނައިބު ރައީސް ކުވައިތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެވަނީ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖަރމަން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގައި ހުރި ވަޞީލަތްތައް ވެސް ބައްލަވާލައްވާފައެވެ. އަދި ކުވެއިތުގެ ބައެއް ޖަމުޢިއްޔާތަކާ ބައްދަލުކުރައްވައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.