English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް - ފޮޓޯ: 123އާރްއެފް

އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުންގެ ސައުތު ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އެ ހާދިސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަކުއްޖާގެ ރައްކާތެރިކަމަށްޓަކައި އެ ހާދިސާ ހިނގާފައިވަނީ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކަށް. އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައާއި ގުޅިގެން ދެ ކާފައިންވެސް މިހާރު ހައްޔަރުކޮށް ބަންދު ޖަހާފައިވާއިރު، އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ޖިންސީ ގޯނާގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވާއިރު، ދެކުނުގެ އަތޮޅެއްގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވެސް އުމުރުން 56 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.