English Edition
Dhivehi Edition
ޕީޕީއެމް އިން ސެޕްޓެމްބަރު 2018 ގައި ބޭއްވި އެޕާޓީގެ ކޮންގްރެސްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޕީޕީއެމް)

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމަރީގެ ވޯޓުލުން ދާއިރާތަކުގައާއި މާލޭގައިވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ޕްރައިމަރީގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ފެބްރުއަރީ 09 ވާ އާދިއްތަ ދުވަހު ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލައިފަ އެވެ. އެގޮތުން މިމަހުގެ 22 ވާ ބުދަ ދުވަހު ރޭގަނޑު 22:00ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހަޅާ ފޯމް، ޕީޕީއެމްގެ ޓްވިޓާ އާއި ފޭސްބުކް އަދިޕީޕީއެމް އޮފީހުންވެސް ލިބޭނެ އެވެ.

ޕީޕީއެމް އިން ބުނީ ޝަކުވާ ފޯމް، އެ ޕާޓީގެ ނަންބަރު 7936268 (ވައިބަރ) އަދި އީމެއިލް [email protected] އިންނާއި އެ ޕާޓީގެ އޮފީހުން ބަލައިގަންނާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ޖެނުއަރީ 26 ވަނަ ދުވަހުގެ ކުރިން ހުރިހާ ކެންޑިޑޭޓުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ފޯމް ހުށައެޅުުމުގެ މުއްދަތު 24 ޖެނުއަރީ 2020ގެ 16:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމް އިން ވަނީ ނިންމައިފަ އެވެ.