English Edition
Dhivehi Edition
އަނިޔާވި އަންހެން މީހާ - ފޮޓޯ: ސޯޝަލް މީޑިއާ

އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތުކުރެވޭ އެކުއްޖާގެ ބައްޕަ ހައްޔަރުކުރުމަށް ގޮވާލައި، ހުޅުމާލޭގައި އެމީހާ ދިރިއުޅޭ ފްލެޓް ކައިރިއަށް އެއްވެ މުޒާހަރާކުރި މީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި، އެއްވުމުގައި ބައިވެރިވި އަންހެނެއްގެ ނޭފަތް ފުލުހަކު ފަޅާލި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

އެގޮތުން ފުލުހުން ބުނީ ޖެނުއަރީ 17 ވަނަ ދުވަހު ހުޅުމާލެ 108 ނަންބަރ ފްލެޓް ކައިރީގައި ހިނގި ހަމަނުޖެހުމެއްގައި، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި އަންހެނެއްގެ ނޭފަތް ފަޅައިގެން ގޮސްފައިވާ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެދުވަހުން ފެށިގެން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

އަދި ފުލުހުން ބާރުގެ ބޭނުންކުރާ ޙާލަތްތަކުގައި ބާރުގެ ބޭނުން ކުރެވުނު ގޮތް މުރާޖަޢާ ކުރުމަށް އެކުލަވާލާފައިވާ “ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ” އިން އެފަދަ ކޮންމެ ހާދިސާއެއް މުރާޖަޢާކުރާފަދައިން، އެ ކޮމިޓީން އެ ހާދިސާވެސް ރިވިއުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެމައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމަލޭ އެއްވުމުގެ ތެރެއިން މެދު އުމުރުގެ އަންހެނެއްގެ ގައިގައި ފުލުހަކު ޖެހި ކަމަށް ބުނާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަނިޔާ ލިބުނު އަންހެން މީހާގެ ޢާއިލާގެ މެންބަރަކާއި އިއްޔެ ވާހަކަދައްކަވާފައިވާ ކަމަށާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސްގެ ޓީމަކުން އެމީހާއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، އެކަމުގެ ތަޙުޤީޤެއް ފަށާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ހުކުރު ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޖުމްލަ 27 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި 26 ފިރިހެނުންނާއި އަންހެނަކު ހިމެނޭއިރު، ފިރިހެނުންގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންވެސް ހިމެނެއެވެ.

އަދި އެ ތިން ކުދިން، އެ ކުދިންގެ އާއިލާއާއި ހަމަ އެ ރޭ ހަވާލުކޮށްފައިވާއިރު، ފުލުހުން ވަނީ ހަމަނުޖެހުންތަކާއި ގުޅުމެއް ނެތް ކަމަށް ބުނެ ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު ފިރިހެނުންނާއި އަންހެން މީހާވެސް ދޫކޮށްލައިފަ އެވެ.