English Edition
Dhivehi Edition
މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ގެނައި އެމްބިއުލާންސްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

މިނިސްޓްރީ އޮފް ފިނޭންސް އިން 15 އެމްބިއުލާންސް ގަންނަން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން، 15 ބޭސިކް ލައިފް ސަޕޯޓް އެމްބިއުލާންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުގެ މަތިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، އެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 12:00 އަށް ކަމަށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަސް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 26 ޖެނުއަރީ ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެ އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ ބީލަން ހުޅުވުން އޮންނާނީ 6 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން 15 ލައިފް ސަޕޯޓް އެމްބިއުލާންސް ގަންނަން އިއުލާންކޮށްފައިވާއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށާއި، ސަރުކާރުގެ ޞިއްޙީ ދާއިރާގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ “ނޭޝަނަލް އެމްބިއުލާންސް ސަރވިސް” ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތަޢާރަފްކޮށްފަ އެވެ.