English Edition
Dhivehi Edition

ގައިގައި ހުންނަ އިސްތަށިނައްތާލާ އޮމާން ހަންގަނޑެއްގެ ވެރިއަކަށްވުމަކީ ކޮންމެ މީހަކުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މި އިސްތަށި ނައްތާލުމަށްޓަކައި ބައެއް މީހުން ޝޭވްކުރާއިރު އަނެއްބައި މީހުން ހެއާރ ރިމޫވާ ބޭނުންކުރެއެވެ. މީގެ އިތުރުން ބައެއް މީހުން ވެކްސްކުރާއިރު، ވެކްސް ކުރުމަކީ އިސްތަށި ނައްތާލަން މިހާރު އެންމެ އާންމު އެއް ގޮތެވެ. ވެކްސް ކުރުމުން އިސްތަށި ފަޅާލެއް މަދުވެ، ލަސްވި ނަމަވެސް މިއީ ވަރަށް ވޭންހުރި ކަމެކެވެ. އެހެންނަމަވެސް މީހާގެ ހަންގަނޑުގެ ރީތިކަމަށްޓަކައި މި ތަދު އިހްސާސްކޮށް ކޮންމެ މަހަކު އެއްފަހަރު ވެކްސްކުރާ މީހުން ވަރަށް ވެސް ގިނައެވެ. ވެކްސްކުރުމުން ހަންގަނޑުގެ ބުޑުން އިސްތަށިތައް ނައްތާލެވުމުން، އިސްތަށިތައް ފެޅުން ލަސްވި ނަމަވެސް ވެކެސް ކުރުމުގައި އަދި ވެކްސްކުރުމަށްފަހު ފަރުވާކުޑަކޮށްލެވިއްޖެ ނަމަ ވަރަށް ގިނަ ގެއްލުންތައް ހަންގަޑަށް ލިބެއެވެ.

  • ބައެއް މީހުން ވެކްސް ކުރުމުން އިސްތަށިތައް ބުޑުން ނައްޓާލުމާއެކު އެ ތަންތަނުގައި ކުޑަކުޑަ ލޯވަޅުތައް ހެދިފައި ހުރެއެވެ. މިފަދަ ނާޒުކު ހަންގަނޑު ހުންނަ ފަރާތްތަކަށް މިކަމުގެ ސަބަބުން ބައެއް ފަހަރު އުދަގޫތަކާއި ކުރިމަތިވެއެވެ.. މި ގޮތުން ވެކެސްކުރާ ހިސާބުން ލޭ އައުމާއި މާ ބޮޑަށް ދިލަނެގުމަކީ ދިމާވާ އާންމު މައްސަލެއެކެވެ
  • އާންމުކޮށް ވެކްސްކުރާނަމަ، މިހާގެ ހަންގަނޑުގެ ބާރު ދޫވެ މާ އަވަހަށް މީހާގެ ހަންގަނޑުގައި ރޫޖެހުމުގެ ފުރުސަތު ބޮޑެވެ.
  • ވެކެސް ކުރުމުގެ ސަބަބުން ހަންގަނޑަށް ލިބޭ ކުދިކުދި އަނިޔާގެ ސަބަބުން ހަންގަނޑަށް ތަންތަންކޮޅު ކަޅުވުމަކީވެސް އާންމުކޮށް ދިމާވާ މައްސަލައެކެވެ.
  • ވެކްސް ކުރުމަށްފަހު ހަންގަނޑަށް ބޮޑު ސަމާލުކަމެއް ނުދޭނަމަ އިންފެކްޝަނެއް އުފެދުން ނުވަތަ ސްކިން ރޭޝްއެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.
  • ވެކްސް ސްޓިކް އެއްފަހަރު ބޭނުން ކުރުމަށްފަހު، ހަމަ އެ ސްޓިކް ދެވަނަ ފަހަރަށް ބޭނުންކުރުމަކީވެސް އާންމުކޮށްކުރާ ކަމަކެވެ. އެހެންނަމަވެސް އެއްފަހަރު ބޭނުން ކުރާ ސްޓިކް ދެވަނަ ފަހަރަށް ބޭނުން ކުރުމުގެ ސަބަބުން ހަމުގެ ނުރައްކާތެރި ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހާއްސަކޮށް ބިކިނީ ވެކެސްކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ޖިންސީ ގޮތުން ޖެހޭ ގައިންގަޔަށް އަރާ ބަލިތައް،ނުވަތަ އިންފެކްޝަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ.

އެހެންކަމުން ވެކްސްކުރާ މީހުން އަބަދުވެސް ވެކްސް ކުރުމުގެ ކުރިން ލޯޝަން ފަދަތަކެތި ބޭނުން ނުކުރުމަށާއި އަދި ވެކްސްކުރާ ހިސާބު ސާފުކޮށް ބެހެއްޓުމަށް ހާއްސަ އިސްކަމެއް ދިނުން މުހިއްމެވެ. ވެކްސް ކުރުމަށް ފަހު 48 ގަޑިއިރު ވަންދެން ހަންގަނޑު ހުންނާނީ ވަރަށް ނާޒުކު ކޮށެވެ.އެހެންކަމުން ހަންގަނޑުގެ ރަތްކަން ކަނޑުވާލުމަށާއި ދިލަނެގުން ލުއިކުރުމަށްޓަކައި ފިނިފެނުން ނުވަތަ ފިނިކޮށްފައިވާ ކިރުން ބޮނޑިތާން ކޮށްލުން ރަނގަޅެވެ.