English Edition
Dhivehi Edition
"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މަޖިލިސް

އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އާއި ވާދަވެރިން އެންމެ ކުރިއަރާ މޮޅުވެފައިވާ ކަންތައްތަކުގެ ތެރެއިން، އެންމެ ފުރަތަމަ ކަމަކީ އެމްޑީޕީ އާއި ދިމާލަށް ލާދީނީއޭ ގޮވުންކަމަށާއި، އެހެންނަމަވެސް އެއީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް  މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ “އެޖެންޑާ 19 ރަށަށް: ކުޅުދުއްފުށި ސިޓީ” ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން  ނަޝީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމާއި ވާދަވެރިންގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އުފައްދާ ދޮގުހަދާ ދެބައޮޑުވުން ކަމަށެވެ. ” ގައުމެއް ހަލާކުވެގެންދާނެ ހުރިހާ ސިފަތަކެއް އިދިކޮޅު ސިޔާސީ ހަރަކާތެއްގައި ދައްކަވަމުން ގެންދަވާ. އެބޭފުޅުންގެ ވާހަކަތަކުން، އެބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މިދިޔައީ އަދި ރާއްޖޭގެ ރައްޔިތުންނަށް މާބޮޑަށް ސާފުވަމުން މިދިޔައީ އެ ބޭފުޅުންނަނީ ހަމައެކަނި ފިތުނަ ފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން.”ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް ހިންގުމަކީ އިދިކޮޅު ފަރާތަތްކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ވާދަވެރިން ދަންނަ ކަންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެއްވެސް ބަޔަކު ނުދަންނަ ކަމަކާއިގެން އުޅެން ފަށައިފިއްޔާ އޭގެން ރަނގަޅެއް ނުނިކުންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު ވަނީ މީގެ ކުރިންވެސް އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.