English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ސޯޝަލް މީޑިއާ

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފި އެވެ.

އެމްޑީޕީ އިން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުޅުދުއްފުށި ސިޓީގެ އެމްޑީޕީ ޕްރައިމަރީގެ އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި މިރޭ 21:00 އާއި ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށްވާއިރު، އޭރު ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައެއް ނުވެއެވެ.

ނަމަވެސް އެމްޑީޕީ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެޕާޓީގެ ކުޅުދުއްފުށި ސިޓީގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފަ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ކުޅުދުއްފުށްޓަށްވެސް މޭޔަރަކު އިންތިޚާބު ކުރަންޖެހޭނެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާއެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެންބަރުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.