English Edition
Dhivehi Edition

އެންމެ ބޮޑު ކަންބޮނޑުވުމަކީ އައްޑޫގެ އިޖުތިމާއީ ހާލަތު ދަށްވެ، އަމާންކަމާއި ރައްކާތެރިކަން އެ ސިޓީގައި ކަށަވަރު ނުވުން ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ)ގެ  ނައިބު ރައީސް އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫގައި މި ވަގުތު ހުރި ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މައްސަލަތަކާއި ބެހޭ ގޮތުން  ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ‘މިހާރު’ ނޫހާއި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ މި ވަގުތު އައްޑޫގެ އަމާންކަމާއި ސަލާމަތާއި ދޭތެރޭ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި އެކަންކަން ހައްލުކުރަން އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ނަތީޖާ ނެރެވޭނެކަމަށެވެ. އަދި އައްޑޫގައި ހުރި މި ފަދަ މައްސަލަތަކުގެ ސަބަބުން  އައްޑޫގެ އިގްތިސޯދަށް ވެސް ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، ތަރައްގީ އާއި ކުރިއެރުމަށް މިސްރާބު ޖަހާ ނަމަ، އެތަނަކަށް އަމާންކަމާއި ސުލްހަމަސަލަކަން އައުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ޝަރީފް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިނިސްޓަރ އިމްރާން އާއި އެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނު އެއްކަމަކީ އައްޑޫގެ ކުށުގެ ވެށި އަމާންކޮށް، ހުރިހާ އެންމެންނަށް ވެސް އުޅެން ރައްކާތެރި ތަނަކަށް އެ ސިޓީ ހެދުންކަމުގައެވެ. މި ގޮތުން  ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމާއި އެކު އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށް އެންމެން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މިނިސްޓަރާ ވާހަކަތަކެއް ހިއްސާކުރެވުނު ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

އޭޑީސީ އަކީ އައްޑޫގެ ކޮންމެ ރަށަކުން 2 މެންބަރުންނާއެކު އުފެދިފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން އައްޑޫ އަށް ތަރައްޤީ ނުގެނެވިގެން އުޅޭ ސަބަބުތައް ހޯދާ ދިރާސާ ކުރެއެވެ.ތަޖްރިބާކާރުންގެ އެހީއާއެކު އައްޑޫ ތަރައްޤީ ކުރުމަށްޓަކައި މިވަގުތު ބޭނުންވަނީ ކޮން ކަމެއްތޯ ހޯދާ ބަލައެވެ. ފަތުރުވެރިން އައްޑޫއަށް އަންނަން ޖެހޭ ސަބަބުތަކަކީ ކޮބައިތޯ އޮޅުންފިލުވައެވެ.