ވައްތަރު މީހެއްގެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓެއް ބޭނުންކޮށް، ޝަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ވަނީ އުމުރުން 53 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ.
އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާއިރު، އެ ޓްވީޓާއެކު އޭނާގެ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.
Vahtharu meehegge passport beynunkoh, shah’su olhuvaalaigen Raajje etherevumah masakkaiy kuri 53 aharuge bidheysee firihenaku Maldives Immigration in huttuvaifi. #BorderSecurity pic.twitter.com/7b90r0X81L
— Maldives Immigration (@ImmigrationMV) January 16, 2020
ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ނަކަލުކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެންނާއި އެކި ގޮތްގޮތުން އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހުވެސް ކައުންޓަރފިޓް ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އުމުރުން 25 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހުއްޓުވައިފަ އެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވަން މަސައްކަތްކުރި 31 އަހަރުގެ ފިރިހެނަކު އިމިގްރޭޝަނުން ހުއްޓުވާފައިވާއިރު، ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުވެސް ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހުއްޓުވަިފަ އެވެ.
އަދި އިމިގްރޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަދުވަހުވެސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 37 އަހަރުގެ ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.