English Edition
Dhivehi Edition

މިދިޔަ ދެ ދުވަސް ތެރޭގައި 1240 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިއަދު ހެލްތް މިނިސްޓްރީގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލަވުމުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދުތަކުގެ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ހޯދައި އެކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން މިކުދިންގެ ދަފްތަރެއް އެކުލަވާލެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ވެކްސިން ނުޖަހާ ކުދިންގެ ދަފްތަރު އެކުލަވާލަން މިނިސްޓްރީން ނިންމާފައިވާއިރު މިހާތަނަށް ވަނީ ރާއްޖޭގެ 48 ރަށެއްގެ މައުލޫމާތު ލިބިފައި ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ވެކްސިން ނުޖަހައި ތިބި ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ހެލްތް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާއިން ރާއްޖޭގައި ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާއިރު ރާއްޖެއިން މިފަހުން ވަނީ ހިމަބިއްސަ ޕޮޒިޓިވް ވެގެން ކުއްޖަކަށް ފަރުވާ ދީފައެވެ. އަދި އޭގެ ފަހުންވެސް ހިމަބިއްސަ ޕޮޒިޓިވް ވެގެން ކޭސްތަކެއް ރިޕޯޓުކުރެވިފައިވާއިރު މިއީ ފަސޭހަކަމާއެކު ގައިންގަޔަށްވެސް އަރާ ބައްޔެކެވެ.