English Edition
Dhivehi Edition

މިއަހަރުގެ ބަޖެޓުގައި އިޖުތިމާޢީ ރައްކާތެރިކަމަށް 3.9 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދިޔަ “ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ވޯކްޝޮޕަކީ ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ފަރާތުން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މިނިސްޓަރ ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ގަވާއިދުން މުޠާލިޢާކޮށް އޭގެ ޙައްޤުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން އެ ނިޒާމު މޮނިޓަރކުރަން ޖެހިފައިވާ ކަމަށެވެ. އަދި ޙައްޤުވެރި ނޫން ބައެއް ފަރާތްތަކުން އެ ނިޒާމުގެ ތެރެއިން ނާޖާއިޒުފައިދާ ނަގަމުންދާކަަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެކަނިވެރި މައިންނާއި ބަފައިންނަށް އަދި އެފަދައެެހެން  ފަރާތްތަކަށް ދެމުންދާ އެހީގެ ޕްރޮގްރާމް 2010 ވަނަ އަހަރުން ފެށިގެން ކުރިޔަށް ދިޔަކަމުގައިވިޔަސް އޭގެ ސަބަބުން ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާ ފައިދާ ދެނެގަނެވިފައި ނުވާކަމަށެވެ.