English Edition
Dhivehi Edition

ސިއްހީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ކަނޑާލަން އާސަންދަ ކުންފުނިން ނިންމައިފި އެވެ. “އާސަންދަ” އިން ނެރުނު ސާކިއުލާއެއްގައި ބުނީ މެއި 7 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް ފިޔަވައި އެހެން ތަންތަނުން އިންޕޭޝަންޓް، އައުޓް ޕޭޝަންޓް، ލެޓޯޓްރީ އިންވެސްޓިގޭޝަން އަދި ސްކޭން ކުރުމުގެ ޚިދުމަތަށް އާސަންދަ ނުލިބޭނެ ކަމަށެވެ. އާސަންދަ ކުންފުނިން ބުނީ އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ނަމަވެސް، މިއަދާ ހަމައަށް އެޑްމިޓްކޮށް، ފަރުވާދެމުން އަންނަ ފަރާތްތަކުގެ ފަރުވާ ނިމެންދެން އާސަންދަ ސްކީމްގެ ތެރެއިން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އާސަންދަ ކުންފުންޏަށް އެންގުމަށް ވެސް ސާކިއުލާގައި ވަނީ އެދިފަ އެވެ.

މިގޮތަަަށް ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުން ކަމަށް އާސަންދައިން ބުނެއެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ “އާސަންދަ ސްކީމް” ހިންގުމުގެ އުސޫލު މުރާޖައާ ކުރަމުންދާތީ އެވެ. ނަމަވެސް ކުއްލި ގޮތަކަށް، ކުރިން އެންގުމަކާ ނުލައި، އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކަނޑާލި ސީދާ ސަބަބެއް އާސަންދަ އިން ނުބުނެ އެވެ. އާސަންދަ އިން ބުނީ ކުންފުނިތަކާއި އެކު ވެފައިވާ އެއްބަސްވުން އާދީއްތަ ދުވަހުން ފެށިގެން ބާތިލް ކުރަން ނިންމާފައިވާ ކަމަށާއި އެފަރާތްތަކުން ދީފައިވާ ޚިދުމަތްތަކަށް 30 ދުވަސް ތެރޭގައި އިންވޮއިސް ފޮނުވުމަށް އެދޭ ކަމަށެވެ. އާސަންދަ ކުންފުނީގެ ކުއްލި މި އެންގުމާ ގުޅިގެން، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެންގުމާ އެއްގޮތަށް، އާސަންދަ ސްކީމްގެ ދަށުން އެއްވެސް ފަރާތަކަށް އެ ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތް ކަމަށެވެ.