Barcelona ge coach kamun Valvarde Vaki kohfi - AO News
English Edition
Dhivehi Edition

Worldwide

  • 19,395,730confirmed
  • 12,453,855recovered
  • 6,221,633active
  • 720,242deaths

Maldives

  • 4,769confirmed
  • 2,754recovered
  • 1,996active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ބާސެލޯނާގެ ކޯޗު ކަމުން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ކޯޗަކަށް ހަމަ ޖައްސައިފިއެވެ.

2017 ވަނަ އަހަރުގެ ޖޫން މަހު ބާސެލޯނާގެ ކޯޗްކަމާ ހަވާލުވި ވަލްވާޑޭގެ މަގާމާއި މެދު ސުވާލުތަކެއް އުފެދިފައި އޮންނަތާ ދުވަސްތަކެއް ވީ އިރު ބާސެލޯނާގެ ބޯޑުން މި ނިންމުން ނިންމީ ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ކުރި މަޝްވަރާތަކަށް ފަހު އެވެ.

ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަލްވާޑޭ އާއިއެކު ކްލަބުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ވަލްވާޑޭގެ ފަރާތުން ފެނުނު ޕްރޮފެޝަނަލްކަމާއި ކޮމިޓްމަންޓަށް ޝުކުރުއަދާކުރާ ކަމަށެވެ.

ވަލްވާޑޭ އަކީ މީގެ 17 އަހަރު ކުރިން ބާސެލޯނާގެ ކޯޗްކަމުގެ މަގާމުން ނެދަލޭންޑްސްގެ ލުއި ވެން ހާލް ވަކިކުރިފަހުން ސީޒަންގެ މެދުތެރެއިން ބާސެލޯނާގެ ކޯޗްކަމުގެ މަގާމުން ވަކިކުރި ފުރަތަމަ މީހާއެވެ.

އުމުރުން 55 އަހަރުގެ ވަލްވާޑޭ ވަނީ  ބާސެލޯނާއަށް ޖެހިޖެހިގެން ދެ އަހަރު ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ. މިސީޒަންގައި ގޯލްގެ ތަފާތުން ލީގުގެ އެއްވަނައިގައި މިވަގުތު އޮތީވެސް ބާސެލޯނާއެވެ. އެކަމަކު ވަލްވާޑޭ އަށް މަގާމު ގެއްލުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ބެލެވިފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން ގިނަ މެޗްތަކެއްގައި ބާސެލޯނާގެ ފަރާތުން ދަށް ކުޅުމެއް ފެނުމާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރެވިފައި ނުވުމެވެ.

ބާސެލޯނާގެ ކޯޗްކަމުގެ މަގާމަށް އަލަށް ހަމަޖެއްސި އުމުރުން 61 އަހަރުގެ ސެޓިއެން ވަނީ މިދިޔަ ސީޒަންގެ ކޮޕަ ޑެލް ރޭ ސެމީ ފައިނަލަށް ރެއާލް ބެޓިސް ގެންގޮސްދިނުމުގެ އިތުރުން 2005 ވަނަ އަހަރުގެ ފަހުން ލީގުގައި އެމީހުންނަށް މިހާތަނަށް ދަތުރުކުރެވުނު އެންމެ އުހަށް ދަތުރުކުރުމަށް އެހީތެރިވެދީފައެވެ. މިދިޔަ ސީޒަނަށްފަހު ރެއާލް ބެޓިސްގެ ކޯޗްކަމުން އަމިކއްލައަށް އިސްތިއުފާދިން ސެޓިއެން ވަނީ ބެޓިސްއާއެކު ހޭދަކުރި ދެ އަހަރުދުވަހުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ކުޅުނު ބައެއް މެޗްތަކުން ކުރި ހޯދައިފައެވެ. ބާސެލޯނާގެ ކޯޗްކަމުގެ މަގާމަށް ސެޓިއެން ހަމަޖައްސައިފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަށެވެ

 

ޓެގު