English Edition
Dhivehi Edition

ގދ. އަތޮޅުގެ ފަޅު ރަށަކުން ފެނިފައިވަނީ އައްޑޫ ސިޓީ ދަމަނަވެށިން ވަގަށް ނެގި ވެކްސިން ތައްގަނޑު ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގދ. ކުރިކޭމާހުއްޓާ ކިޔާ ފަޅު ރަށުން ފެނިފައި ވަނީ އައްޑޫ ސިޓީ ދަމަނަވެށިން ގެއްލިފައިވާ އެ އިދާރާގެ ތައްގަނޑު ކަމަށާއި ކުރިން ވެކްސިން ތައްގަނޑު ފެނުނު ކަމަށް ރިޕޯޓު ކުރެވިފައި ވަނީ މައުލޫމާތުގެ ކުށަކުންކަމަށެވެ. ފުލުހުން ބުނީ އެ އިދާރާގެ ރަސްމީ ތައްގަނޑު ފެނިފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު 10:30 ހާއިރު އެ ރަށަށް ގޮސް އުޅުނު  ބަޔަކަށް ކަމަށާއި ތައްގަނޑު ފެނުނުކަން ޕޮލިހަށް ރިޕޯޓުކޮށްފައި ވަނީ، ތައްގަނޑު ވަގަށް ނަގާފައިވާކަން މީޑިއާތަކުގައި އިއުލާންކުރުމުން، އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާއިރު ތިން ފަހަރެއްގެ މަތިން އެތަން ފަޅާލައިގެން ނެގި ތަކެތީގެ ތެރޭގައި އޮފީހުގެ ރަސްމީ ތައްގަނޑާއި، ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑާއި މޮނީޓަރަކާއި، ދެ ކީބޯޑާއި، ކުލަ ޕްރިންޓަރަކާއި، ޓޫލް ކިޓެއްގެ  އިތުރުން 1800 ރުފިޔާ ހިމެނެއެވެ.

ދަމަނަވެށިން ވެކްސިން ތައްގަނޑެއް ގެއްލުނު އިރު، އައްޑޫގައި ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް ހުރި ކަމަށް ޑރ. ފައިސަލް ވިދާޅުވުމާ ގުޅިގެން އާންމުންގެ ތެރޭގައިވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.