English Edition
Dhivehi Edition

ރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން އެކަން ހާސިލެއް ނުކުރެވޭނެ ކަމަށް، ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިންތިގާލީ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވެފައިވަނީ  ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީއަށް ހުރިހާ ގޮނޑިތައް ދިނުމަށް އެ ޕާޓީގެ ލީޑާރޝިޕުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން ޔުމްނާ ވަނީ މި ވާހަކަތަކާއި މެދު ރައްޔިތުން ވިސްނުމަށ ްގޮވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންތައް ޕާޓިތަކުން ފަށާފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ އެ ޕާޓީއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ، މި ގޮތުން އިއްޔެ ހދ. ވައިކަރަދޫގައި އެޕާޓީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިންތިހާބުގައި ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ދިނުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއްކަމަށެވެ. މީގެ އިތުރުން ނަޝީދުވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހަގީގަތުގައިވެސް އިދިކޮޅުން ބައިވެރިވުމުގެ ބޭނުމެއް ނެތްކަމަށާއި މި އިންތިހާބުގައި ބައިވެރިވާންވީ ހަމައެކަނި އެމްޑީޕީއިން ކަމުގައެވެ.