Kandufalhuge mussandhikan foarukohdhinumakee enmenge vaahibeh - AO News
English Edition
Dhivehi Edition

Worldwide

  • 19,395,730confirmed
  • 12,453,855recovered
  • 6,221,633active
  • 720,242deaths

Maldives

  • 4,769confirmed
  • 2,754recovered
  • 1,996active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ކަނޑުފަޅުގެ މުއްސަނދިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙު މިގޮތަށް ވިދާޅުވީ ހދ. ނޭކުރެންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށް ގެންދާ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮތީ ކަނޑުތަކާއި ފަޅުތަކުން ލިބޭ ނަފާގެ މައްޗަށްކަމަށާއި އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ.

މިއަދު ބޭއްވެވި މި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގައި މިހާރު ކުރަމުންދާ ދިރާސާއަކީ މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރެވޭ މިފަދަ އެންމެ ބޮޑު މަސައްކަތްކަން ފާހަގަ ކުރައްވައި، މި ދިރާސާ ކުރިޔަށްގެންދަވާ ކަމަށްޓަކައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއި އަދި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ބޭފުޅުންނަށް ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ގެ ވާހަކަފުޅުގައި މިފަދަ ދިރާސާއެއް ރާއްޖެއަށް އެހާ މުހިންމުވާ ސަބަބަކީ ރާއްޖެއަކީ އުފެދުމުގައިވެސް ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް ވެފައި ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފައިދާ އެންމެ އެދެވޭ ގޮތަށް ހޯދުމަށް މި ދިރާސާއިން އެހީތެރިކަން ލިބޭނެތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދިރާސާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންކަމުގައެވެ. އެގޮތުން ފުރަތަމަ މަރުޙަލާއަކީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ބޯހިމެނުމުގެ މަސައްކަތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދިރާސާގެ ތެރޭގައި މި ތަކެއްޗަށް ގެއްލުން ލިބެނީ ކޮންކަހަލަ ކަމަކުންތޯ ހޯދާ ބަލާނެކަމަށާއި، މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ އަލީގައި އެކުލަވާލެވޭ ކަރުދާސް ޢާންމުކުރެވިގެން ދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި މި ދިރާސާގެ ދެވަނަ މަރުޙަލާއަކީ ދިރާސާގެ އަލީގައި އެކުލަވާލެވޭ ކަރުދާހަށް ރިޢާއަތްކޮށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރަން ޖެހޭ ސިޔާސަތުތައް ސަރުކާރުން ކަނޑައެޅުއްވުމެވެ. އަދި މީގެ ދަށުން އެކުލަވާލެވޭ ސިޔާސަތުގެ ތެރެއިންހިމާޔަތްކުރެވޭ ތަންތަނުން ލިބެން އޮތް އެންމެ ރަނގަޅު ފައިދާއެއް ހޯދޭނެ ގޮތް އެކުލަވާލެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލާފައިވާކަން ފާހަގަކުރައްވާ ރަށްރަށުގެ އިޙްތިޞާޞް ކަނޑައެޅިގެންދާ ހިނދު އެތަންތަން ޙިމާޔަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކައުންސިލުން ކަން ފާހަގަކުރައްވާ އެބޭފުޅުންގެ ޒިންމާތަކަށް އަލިއަޅުއްވާލައްވާފައެވެ.